މާލޭ ސިޓީގެ މިސްކިތްތަކުގައި މީހުން ނިދައި، ކައިބޮއެ ހަދާ މައްސަލައަށް ހައްލު ގެނައުމަށް މަސައްކަތް ފަށައިފި އެވެ.
މި މަސައްކަތް އިސްވެ ކުރަނީ ހޯމް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ވަނީ މިކަން ހައްލު ކުރުމަށް އެކި އިދާރަތުގެ ބޭފުޅުން ހިމެނޭގޮތަށް ކޮމިޓީއެއް އެކުލަވާލައިފަ އެވެ.
މި ކޮމިޓީގައި ހިމެނެނީ ޖެންޑާ މިނިސްޓްރީ، ނެޝަނަލް ޑްރަގް އެޖެންސީ، ފުލުހުން އަދި މާލޭ ސިޓީ ކައުންސިލެވެ. ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ މިއަދު ވަނީ މި ކޮމިޓީގައި ހިމެނިވަޑައިގެންނަވާ ބޭފުޅުންނާއި ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފައި އެވެ.
ހޯމް މިނިސްޓްރީން ބުނީ މާލޭސިޓީގައި ބޯހިޔާވަހިކަމެއް އަދި އަޅާލާނެ ބަޔަކު ނެތި މަގުމަތިވެފައިވާ ފަރާތްތަކުން ބައެއް މިސްކިތްތަކުގައި ފެންވަރައި، ނިދާ ކައިބޮއި ހަދާކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ.
އެ މިނިސްޓްރީ އިސްވެ އޮވެ މި މައްސަލަ ހައްލު ކުރަން މަސައްކަތް ފެށީ އެގޮތަށް މިސްކިތްތަކުގައި ނިދައި ކައިބޮއެ ހަދާ މީހުންނަކީ ކުށުގެ ރެކޯޑު އޮންނަ މަސްތުވާތަކެތި ބޭނުން ކުރާ މީހުންކަން އެނގުމާއި ގުޅިގެން ކަމަށް ބުނެ އެވެ.
މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ މިކަން ހައްލުކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި، އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭގޮތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް