ތޫފާން ނިވާރް: އިންޑިއާއަށް މިއަދު ގަދައަށް ވިއްސާރަ ކުރަން ފަށާނެކަމުގެ އިންޒާރު ދީފި

ބޭ އޮފް ބެންގޯލް ސަރަހައްދުގައި އުފެދެމުން އަންނަ ތޫފާން ނިވާރްގެ ބާރު ގަދަވެ، ތުފާނެއްގެ ދަރަޖައަށް ބަދަލުވެ، އަވަށްޓެރި އިންޑިއާގެ ޓެމިލް ނާޑޫ ސަރަހައްދަށް މިއަދު ގަދައަށް ވިއްސާރަ ކުރަން ފަށާނެ ކަމ...

24 Nov 2020 | 10:34

ބޭ އޮފް ބެންގޯލް ސަރަހައްދުގައި އުފެދެމުން އަންނަ ތޫފާން ނިވާރްގެ ބާރު ގަދަވެ، ތުފާނެއްގެ ދަރަޖައަށް ބަދަލުވެ، އަވަށްޓެރި އިންޑިއާގެ ޓެމިލް ނާޑޫ ސަރަހައްދަށް މިއަދު ގަދައަށް ވިއްސާރަ ކުރަން ފަށާނެ ކަމުގެ އިންޒާރު، އިންޑިއާގެ މޫސުމާ ބެހޭ އިދާރާ އައިއެމްޑީ އިން ދީފި އެވެ.

އަންދްރަ ޕްރަދޭޝްގެ އައްސޭރިފަށުގެ ސަރަހައްދުތަކަށްވެސް ތޫފާން ނިވާރްގެ އަސަރު މިއަދު ކުރަން ފަށާނެ ކަމަށް އައިއެމްޑީއިން ބުނެފައިވާ އިރު، ޓެމިލް ނާޑޫގެ ވެރިރަށް ޗެންނާއީ އާއި އަދިވެސް އިތުރު ޑިސްޓްރިކްޓްތަކަކަށް މިއަދު ގަދައަށް ވިއްސާރަ ކުރާނެ ކަމަށް ވަނީ ލަފާ ކޮށްފައއެވެ.

ބިންތިރި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން، ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް އެ ސްޓޭޓް އިދާރީ ޚިދުމަތްތަކާ ބެހޭ ބައިން ވަނީ ފަށާފަ އެވެ. އަދި ބޯ ވިއްސާރައިގެ ތެރޭގައި ބޭރަށް ނިކުމެ ނުއުޅުމަށްވެސް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ޕޮންޑިޗެރީއާއި ކަރައިކަލް ސަރަހައްދަށްވެސް މިއަދު ވިއްސާރަ ކުރަން ފަށާނެ ކަމަށް ލަފާކޮށްފައި ވާއިރު، މިއަދު ހަވީރުން ފެށިގެން ވިޔަފާރިތައް ބަންދު ކުރުމަށްވެސް ކަމާ ބެހޭ ފަރާތުން ވަނީ އިރުޝާދު ދީފަ އެވެ. އަދި ނޮވެމްބަރު 23-25 އަށް، މަސްވެރިން މަހަށް ނުދިއުމަށްވެސް ވަނީ އަންގާފަ އެވެ.

ތޫފާން ނިވާރަކީ، މި ސަރަހައްދުގައި މި އަހަރު އުފެދުނު 2 ވަނައަށް އެންމެ ވަރުގަދަ ތޫފާން ކަމަށް ލަފާ ކުރެވޭ ތޫފާނެވެ. ތޫފާން ނިވާރްއާއެކު އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ރެޑް އެލާޓް އަދި އަނެއް ބައި ސަރަހައްދުތަކަށް އޮރެންޖު އެލާޓްވެސް ވަނީ ނެރެފަ އެވެ.

ބޭ އޮފް ބެންގޯލް ސަރަހައްދުގައި އުފެދިފައިވާ ޑިޕްރެޝަން ނުވަތަ އުފެދެމުން އަންނަ ތޫފާން ނިވާރްގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާ (މެޓް) އޮފީހުން ވަނީ ބުނެފަ އެވެ.

ނަމަވެސް ސީދާ އަސަރު ނުކުރި ކަމުގައި ވީ ނަމަވެސް، އޭގެ ނުސީދާ އަސަރު ބުދަ ދުވަހު ރާއްޖެއަށް ކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ތޫފާން ނިވާރްގެ ބާރުގަދަ ވަމުން ގޮސް، ގަޑިއަކު 100-110 ކިލޯމީޓަރާ ދެމެދު، އަދި ކޮޅިގަނޑުގައި ގަޑިއަކު 120 ކިލޯމީޓަރު ބާރު މިނުގައި ވައިޖެހުން އެކަށީގެން ވާ ކަމަށްވެސް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެއެވެ.

ތޫފާން ނިވާރް އުފެދެމުން ދަނީ ޕޮންޑިޗެރީގެ 550 ކިލޯމީޓަރު އިރު-އިރުދެކުނުން އަދި ޗެންނާއީގެ 590 ކިލޯމީޓަރު ބޭރުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް