މޯލްޑިވްސް ރިފޯމް މޫމެންޓް (އެމްއާރްއެމް) އަށް މެމްބަރޝިޕް އިތުރު ކުރުމަށް ހާލަތުގެ ގޮތުން މާބޮޑު މަސައްކަތްތަކެއް ނުކުރެވުނަސް، މެމްބަރޝިޕް އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އެ ޕާޓީން ބުނެފި އެވެ.
ދިވެހި ޗެނަލްގެ ހަވާސާ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެމްއާރްއެމްގެ އަންހެނުން ކައުންސިލުގެ ރައީސާ ފާތުމަތު ޝަހީދާ ވިދާޅުވީ އެ ޕާޓީގެ ފުރަތަމަ އަހަރީ ދުވަހަކީ މި ނޮވެމްބަރ މަހުގެ 20 ވަނަ ދުވަސް ކަމަށެވެ. އަދި ޖަލްސާއެއް ބޭއްވުމަށް ތައްޔާރީތަކެއް ވަމުން ދިޔަ ކަމަށެވެ.
ނަމަވެސް އަދި ހާލަތުގެ ގޮތުން ގޭގައި ތިބެގެން މެމްބަރުންނާ ގުޅުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިޔަ ކަމަށެވެ.
ޝަހީދާ ވިދާޅުވީ އެ ޕާޓީގެ ގައުމީ ޖަލްސާއަށް ވާންޖެހޭ ތައްޔާރީތައް ވެސް ކޮންމެވެސް ވަރަކަށް ފަށައި، ހިންގާ ގަވާއިދާއި އެއްޗެހި ޑްރާފްޓު ކުރެވި، ތައްޔާރުވަމުން އަންނަ ކަމަށެވެ.
"އެމްއާރްއެމްއަކީ ވުޖޫދަށް އައުމުގައިވެސް ރާއްޖޭގައި އަންހެން ބޭފުޅަކު އުފެއްދެވި ޕާޓީއެއް. އެހިސާބުން ފެށިގެންވެސް އަންހެނުންގެ ވަރަށް އިސްދައުރެއް އެ ޕާޓީގައި އޮވޭ. ކޮވިޑް-19 އާގުޅިގެން ސީދާ މެމްބަރުންގެ ގާތަށް ދިއުމުގައި ހުރަސްތަކެއް ދިމާވި. އޭގެ ސަބަބުން ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު." ޝަހީދާ ވިދާޅުވި އެވެ.
އެހެންނަމަވެސް މެމްބަރުންގެ ހާލަތު ދެނެގަތުމަށް ޕާޓީގެ އެކި ގުނަވަންތަކުން ކުރިއަށް ގެންދިޔަކަމަށާއި މިދުވަސްވަރު މީޓިންގތައް ކުރިއަށް ގެންދަނީ ވަރޗުއަލްކޮށް ކަމަށް ޝަހީދާ ވިދާޅުވި އެވެ.
ޝަހީދާ ވިދާޅުވީ އެމްއާރްއެމްއަކީ މި ސަރުކާރު ވެރިކަމަށް ގެނައުމަށް ވެސް ވަރަށް މުހިންމު ދައުރެއް އަދާކުރި ޕާޓީއެއް ކަމަށާއި އަދިވެސް އެޕާޓީ އޮތީ މި ސަރުކާރާ އެކުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް