އެސޯސިއޭޝަން ފޯރ މަތިމަރަދޫ އިމްޕްރޫވްޑް ޖެނެރޭޝަން އޮފް ސްޕޯޓްސް ( އަމިގޯސް) އިން އިންތިޒާމް ކޮށްގެން މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން ބާއްވާ “އަމިގޯސް މާވަށު ފުޓްސަލް ޗެލެންޖް 2020” ފުޓްސަލް މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރ އަކަށް ރާއްޖޭގެ މަޝްޙޫރު އޮންލައިން ނޫސް ދުވަސްއެމްވީ ހަމަޖެހިއްޖެއެވެ.
މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރުކަން ރަސްމީކޮށް ހަވާލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ދެފަރާތުން ވެސް އެއްބަސްވުމެއް ހަދާ އެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، ދުވަސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ދުވަސްއެމްވީގެ ސްޕޯޓްސް އެޑިޓަރ އަބްދުލް ޙަންނާން މުޙައްމަދެވެ. އަދި މުބާރާތް އިންތިޒާމުކުރާ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އަމިގޯސްގެ ޗެއާރޕާސަން މުޙައްމަދު ޝަރީފްއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދުވަސްއެމްވީގެ ސްޕޯޓްސް އެޑިޓަރ ވިދާޅުވީ ދުވަސް އަކީ އަބަދުވެސް ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމަށް އަދި ޚާއްސަކޮށް ރާއްޖޭގައި ފުޓްސަލް ކުރިއެރުވުމަށް ވަރަށް ބޮޑު އެއްބާރުލުމެއް ދޭ މީޑިއާއެއް ކަމަށާއި ދުވަސްގެ ކުޅިވަރު ޓީމުން އެ މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް މުބާރާތް ނިމުމާއި ހަމައަށް ބަރާބަރަށް ގެނެސްދެމުން ގެންދާނެ ކަމަށެވެ.
އަދި މުބާރާތް އިންތިޒާމުކުރާ ފަރާތުން ވާހަކަދައްކަވަމުން އަމިގޯސްގެ ޗެއާރޕާސަން މުޙައްމަދު ޝަރީފް ވިދާޅުވީ ދުވަސްގެ ފަރާތުން މުބާރާތުގެ ހުރިހާ ހަބަރުތަކެއް ގެނެސްދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެ ޔަގީންކަން އޮތުމުން މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރ ކަން ދުވަސް އޮންލައިން އަށް ދިނީކަމަށެވެ. އަދި ހަމަ އެއާއި އެކު ދުވަސް އެމްވީ އިން މުބާރާތުގެ ޚަބަރުތައް ގެނެސްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން މުބާރާތުގެ ފޯރި އިތުރަށް ގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އަމިގޯސްގެ ޗެއާރޕާސަން މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
“އަމިގޯސް މާވަށު ފުޓްސަލް ޗެލެންޖް 2020” ގެ ނަމުގައި ބާއްވާ ފޯރިގަދަ މި ފުޓްސަލް މުބާރާތުގައި ޖުމުލަ 16 ޓީމު ވާދަކުރުމަށް ހަމަޖެހިފައިވާއިރު، މި މުބާރާތުގައި ލާމު އަތޮޅުގެ މަޝްޙޫރު ގިނަ ހުނަރުވެރި ފުޓްސަލް ކުޅުންތެރިން ފެނިގެންދާނެއެވެ. އޭގެ ތެރޭގައި އަޙުމަދު ޙަލީމް (އަންމަޑޭ)، އަޙުމަދު ޞަބާޙު (ސޮބައްޓޭ)، އަބްދުﷲ ނާފިޒް (އަބުޅޯ)، މަޙުރީން މުޙައްމަދު( މައްކި)، އަޙުމަދު އަޖުވަދު (އަޖޭ)، ނާޝިދު (ނާއްޓޯ)، އަޙުމަދު ހުޝާމް (ގުންޒާލޯ) ފަދަ ކުޅުންތެރިން ހިނެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް މިހާރު ފުރުސަތު ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވެވޭނީ ގިނަވެގެން 16 ޓީމަށް ކަމަށް އަމިގޯސްއިން ބުނެއެވެ.
އަމިގޯސް މާވަށު ފުޓްސަލް ޗެލެންޖް 2020 ގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ 22:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދި ހުށައަލާ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށައެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދުު ނޮވެންމަބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން މިހާރު ވަނީ ދޫކުރަން ފަށާފައެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ އިތުރު މައުލޫމާތުު ހޯއްދެވުމަށް 7999677 ނަމްބަރާއި ގުޅުމަށް ވެސް މުބާރާތް އިންތިޒާމް ކުރި ފަރާތުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް