ކުޑަކުދިންނަށް ދޭ ތެރަޕީގެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާ ގުޅޭގޮތުން ނައިބު ރައީސް މަޝްވަރާ ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކުޑަކުދިންނަށް ދޭ ތެރަޕީގެ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އެ ޚިދުމަތްތައް ފޯރުކޮށްދޭ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން، ކަމާގުޅޭ އިދާރ...

24 Nov 2020 | 09:30

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކުޑަކުދިންނަށް ދޭ ތެރަޕީގެ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އެ ޚިދުމަތްތައް ފޯރުކޮށްދޭ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން، ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ތެރަޕީގެ ގިނަ ޚިދުމަތްތައް މިހާރު ލިބެންހުރީ މާލޭގައިކަން ފާހަގަކުރައްވާ، ރާއްޖޭގެ އެހެން ސަރަޙައްދުތަކަށް ވެސް އެ ފަދަ ޚިދުމަތްތައް ފުޅާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ވާހަކަ ދެއްކުމުގައި ދަތިތަށް ހުންނަ ކުދިންނަށްދޭ ސްޕީޗް ތެރަޕީ ފަދަ ދާއިރާތަކުން ތަމްރީނުވެފައިވާ މީހުން މަދުކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ މެދުވެރިކޮށް އެ ފަދަ ދާއިރާތަކުން މީހުން ބިނާކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ކުޑަކުދިންނަށް ކުރިމަތިވާ ހެދިބޮޑުވުމުގެ މައްސަލަތައް ދުރާލާ ދެނެގަތުމާއި، ޚާއްޞަ ފަރުވާ ބޭނުންވާ ކުދިން ދެނެގަނެވޭނެ ގޮތްތައް މިހާރަށްވުރެ ހަރުދަނާކުރުމާ ގުޅޭ ގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިއްޔެ ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ގެ ސްޕީޗް ތެރަޕީ ޑިޕާޓްމަންޓަށް ޒިޔާރަތްކުރައްވައި، އެ ތަނުގެ މަސައްކަތްތައް ވެސް ބައްލަވާލައްވާފައެވެ. މި ޒިޔާރަތުގައި އެ ޑިޕާޓްމަންޓުގެ އިސްވެރިން ވަނީ އެ ތަނުގައި މަސައްކަތްކުރާ ތެރެޕިސްޓުންގެ އަދަދާ ބަލާއިރު އެ ޚިދުމަތް ހޯދަން އެދޭ ކުދިންގެ އަދަދު އިތުރުކަން ފާހަގަކުރައްވާފައެވެ. އަދި އެ ދާއިރާގައި މިހާރު ހުރި ގޮންޖެހުންތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައިވެއެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރުގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ޤައުމީ ޔުނިވަރސިޓީއާއި، އައި.ޖީ.އެމް.އެޗް.ގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް