ނުކުޅެދުންތެރިކަން ހުންނަ އިތުރު ފަރާތްތަކަކަށް ބީއެމްއެލްއިން އިލެކްޓްރިކް ވީލްޗެއާ ހަދިޔާކޮށްފި

ނުކުޅެދުންތެރިކަން ހުންނަ އިތުރު ފަރާތްތަކަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލެކްޓްރިކް ވީލްޗެއާ ހަދިޔާކޮށްފި އެވެ. ބީއެމްއެލްއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވީލްއެޗާ ހަދިޔާ ...

24 Nov 2020 | 09:19

ނުކުޅެދުންތެރިކަން ހުންނަ އިތުރު ފަރާތްތަކަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލެކްޓްރިކް ވީލްޗެއާ ހަދިޔާކޮށްފި އެވެ.

ބީއެމްއެލްއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވީލްއެޗާ ހަދިޔާ ކުރުމުގެ ޕްރޮގްރާމް ފެށި 2017 ވަނަ އަހަރު އެވެ. އެ ބޭންކުގެ މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް އެހީތެރިވެދިނުމެވެ.

ބޭންކުން މި ބުނީ މިފަހަރު ވީލްޗެއާ ހަދިޔާ ކުރީ ރާއްޖޭގެ 30 ރަށެއްގައި ދިރިއުޅޭ 65 މީހަކަށް ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔަރ ވިދާޅުވީ އިލެކްޓްރިލް ވީލްޗެއާ ހަދިޔާކުރެވި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވެދެވުމަކީ ބޭންކަށް ލިބޭ އުފަލެއް ކަމަށެވެ. އަދި ބޭންކުގެ އަމާޒަކީ ވީހާވެސް ގިނަ ފަރުދުންނަށް ވީލްޗެއާ ހަދިޔާކޮށް، އެފަރާތްތަކުގެ އާންމު ދިރިއުޅުމުގެ ކަންކަން ފުރިހަމަ ކުރުމަށް ފުރުސަތު ހޯދައިދިނުން ކަމަށް ވިދާޅުވީ އެވެ.

ސޯޔަރ އިތުރަށް ވިދާޅުވީ މިފަދަ ދަތި އުދަނގޫ ދަނޑިވަޅެއްގައިވެސް ވީލްޗެއާ ހަދިޔާ ކުރުމަށް ބޭންކުގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ބޭންކުން ކުރިޔަށް ގެންދާ މި ޕްރޮގްރާމުގެ އަމާޒަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ އަދި އަމިއްލައަށް މިފަދަ ވީލްޗެއާ ބޭނުންކުރެވޭނެ ކޮންމެ މީހަކަށް ވީލްޗެއާ އެއް ހަދިޔާ ކުރުން ކަމަށް ބީއެމްއެލްއިން ބުނެ އެވެ. އެ ބޭންކުން ބުނީ މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ 140 މީހަކަށް އިލެކްޓްރިކް ވީލްޗެއާ ހަދިޔާކޮށްފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް