ކަފާލާތުގެ ދަށުން ބާރްތީގެ ދެމަފިރިން ދޫކޮށްލައިފި

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގް އާއި ފިރިމީހާ ހާޝް ލިމްބާޗިއާ ކަފާލާތުގެ ދަށުން މިނިވަން ކޮށްފި އެވެ. ދެމަފިރިން މުމްބާއީގައި ދިރިއުޅޭ އެޕާޓްމެންޓުން މަސްތުވާތަކެތި ފެނިގެން އެ ދެމީހުން ހ...

24 Nov 2020 | 06:35

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގް އާއި ފިރިމީހާ ހާޝް ލިމްބާޗިއާ ކަފާލާތުގެ ދަށުން މިނިވަން ކޮށްފި އެވެ.

ދެމަފިރިން މުމްބާއީގައި ދިރިއުޅޭ އެޕާޓްމެންޓުން މަސްތުވާތަކެތި ފެނިގެން އެ ދެމީހުން ހައްޔަރު ކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ ދެ މީހހުން ކަފާލާތުގެ ދަށުން މިނިވަން ކުރީ މަސްތުވާތަކެތީގެ މައްސަލަ ތަހުގީގު ކުރުމަށް އަންނަ މަހު ހަތަރެއްގެ ނިޔަލަށް ޖަލު ބަންދުގައި ބޭތިއްބުމުގެ ހުއްދަ މުމްބާއީ ކޯޓުން ދިންފަހުންނެވެ. އެކަމަކު އޭގެ ފަހުން މުމްބާއީ މެޓްރޮޕޮލިޓަން މެޖިސްޓްރޭޓް ކޯޓުން ވަނީ ތަހުގީގު ކުރިޔަށް ގެންދަން އެމީހުން ބަންދުގައި ބޭތިއްބުމުގެ ބޭނުމެއް ނެތް ކަމަށް ބުނެފައި އެވެ.

ބާރްތީ އާއި ހާޝް ދޫކޮށްލުމުން އެ މައްސަލަ ތަހުގީގު ކުރަމުންދާ މުމްބާއީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއި (އެންސީބީ) ން އެއްޗެއް ނުބުނެ އެވެ. އެކަމަކު ތަހުގީގުގައި އެމީހުން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އެއްބަސްވެފައިވާތީ އެ ބިއުރޯއިން ވަނީ އެއީ ތަހުގީގަށް ލިބުނު ކުރިއެރުމެއް ކަމަށް ބުނެފައި އެވެ.

ކަފާލާތުގެ ދަށުން ބާރްތީގެ ދެމަފިރިން ދޫކޮށްލީ 15،000 ރުފީސް ކޯޓަށް ދެއްކުމުންނެވެ.

އެންސީބީ އާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އެ ދެމަފިރިން ދިރިއުޅޭގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ފެނިގެންނެވެ. މީގެ އިތުރުން ގަންޖާ އާއި އިންޑިއާގައި ބޭނުން ކުރުން މަނާ ބޭސްތަކެއްވެސް އެގެއިން ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އުމުރުން 36 އަހަރުގެ ބާރްތީ އަކީ ބޮލީވުޑްގެ ބައެއް ފިލްމުތަކާއި މަޝްހޫރު ކޮމިޑީ ޝޯތަކުން ފެނިގެން ގޮސްފައިވާ ތަރިއެކެވެ. އޭގެ ތެރޭގައި ސޮނީ ޓީވީން ދައްކާ “ދި ކަޕިލް ޝަރުމާ ޝޯ” ހިމެނެ އެވެ. އޭނާގެ ފިރިމީހާ ހާޝް އަކީ ސްކްރީން ރައިޓަރެކެވެ. ހާޝް އާއި ބާރްތީއަކީ ސޮނީ ޓީވީން މިހާރު ގެނެސްދޭ “އިންޑިއާސް ބެސްޓް ޑާންސާ” ގެ ހޯސްޓުންނެވެ.

އެ ދެމީހުން ކައިވެނި ކުރީ 2017 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް