ޓްރަމްޕް އެންމެ ފަހުން ގޮތް ދޫކުރައްވައިފި، ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިޔަށް ގެންދަން އަންގަައިފި

އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑިމޮކްރެޓިކްގެ ކެންޑިޑޭޓު ޖޯ ބައިޑަން އާއި ވެރިކަން ހަވާލު ކުރުމުގެ މަރުހަލާ ކުރިޔަށް ގެންދަން ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފަހުން އެއްބަސްވެވަޑައިގެނ...

24 Nov 2020 | 06:15

އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑިމޮކްރެޓިކްގެ ކެންޑިޑޭޓު ޖޯ ބައިޑަން އާއި ވެރިކަން ހަވާލު ކުރުމުގެ މަރުހަލާ ކުރިޔަށް ގެންދަން ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފަހުން އެއްބަސްވެވަޑައިގެންފި އެވެ.

އެމެރިކާގައި އިންތިހާބު ކާމިޔާބު ކުރާ ފަރާތަކަށް ވެރިކަން ހަވާލު ކުރުމުގެ ކަންކަން ކުރިއަށް ގެންދާ ރަސްމީ އިދާރާއަކީ ޖެނެރަލް ސާވިސަސް އެޑްމިނިސްޓްރޭޝަން (ޖީއެސްއޭ) އެވެ. ބައިޑަން އިންތިހާބު ކާމިޔާބު ކުރައްވާ ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިޔަށް ގެންދަވަން ނިންމެވުމުން އެ އެޖެންސީން މިހާތަނަށް ބުނަމުން ދިޔައީ އިންތިހާބުން މޮޅުވި ކެންޑިޑޭޓެއް ޔަގީން ނުވާ ކަމަށެވެ.

އެކަމަކު އެންމެ ފަހު އެތަނުން ވަނީ ޖޯޑަން އިންތިހާބު ކާމިޔާބު ކުރެއްވިކަމަށް ހާމަކޮށްފައި އެވެ. ޖޯޑަން އިންތިހާބު ކާމިޔާބު ކުރެއްވިކަމަށް ޖީއެސްއޭއަށް ގަބުލު ކުރަން މަޖުބޫރުވީ މިޝިގަންގެ ވޯޓު 150،000 ވޯޓުން ކާމިޔާބުކުރީ ބައިޑަން ކަމަށް ރަސްމީކޮށް ސެޓިފައި ކުރުމާ ގުޅިގެންނެވެ.

ޖީއެސްއޭއިން އެގޮތަށް ނިންމުމުން ޓްރަމްޕް ވަނީ ވެރިކަން ބަދަލު ކުރުމުގެ މަރުހަލާ ކުރިޔަށް ގެންދަވަން އަންގާފައި އެވެ. އެކަމަކު އިންތިހާބު ނާކާމިޔާބުވެވަޑައިގެންނެވި ކަމަށް އަދިވެސް ގަބޫލެއް ނުކުރައްވަ އެވެ.

ވެރިކަން ހަވާލު ކުރައްވަން މިހާތަނަށް ޓްރަމްޕް ދެކޮޅު ހެއްދެވި ނަމަވެސް ބައިޑަން ގެންދަވަނީ އިންތިހާބު ކާމިޔާބުވިކަން ޔަގީންވީންސުރެ އޭނާގެ އާ ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބަވާނެ މީހުން ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ވެރިކަން ހަވާލު ކުރަން ޓްރަމްޕް އެންމެ ފަހުން އެއްބަސްވެވަޑައިގެންނެވުމުން ބައިޑަން ނިސްބަތްވެވަޑައިގެންނަވާ ޑިމޮކްރެޓިކް ޕާޓީން ވަނީ އެކަމަށް މަރުހަބާ ކިޔައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް