ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރުމަށް ފަހު ފޮނުވި ރިޕޯޓަށް ބަހުސް ކުރުން އަންނަ އާދިއްތަ ދުވަހު ފަށަން ނިންމައިފި އެވެ.
އާންމުކޮށް އާދިއްތަ ދުވަހަކީ މަޖިލީހުގެ ޖަލްސާތައް އޮންނަ ދުވަހެއް ނޫނެވެ. އެކަމަކު މިއަދު މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އަންނަ ޢަދިއްތަ ދުވަހު ބަޖެޓު ދިރާސާ ކުރުމަށް ފަހު އެކުލަވާލި ރިޕޯޓަށް ބަހުސް ކުރުމަށް ޖަލްސާ ބާއްވާނެ ކަމަށެވެ.
ބަޖެޓު ކޮމިޓީން ދިިރާސާ ކުރުމަށް ފަހު ބަޖެޓު ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވީ ރޭގެ ވަގުތެއްގައި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ބަޖެޓު ކޮމިޓީން ދިރާސާ ކުރި އިރު ސަރުކާރުން ހުށަހެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓަށް އިތުރު 134 މިލިއަން ރުފިޔާ ވަނީ އިތުރު ކޮށްފައި އެވެ.
މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ބަޖެޓު ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެމްބަރަކަށް ހަތް މިނެޓުގެ ވަގުތު އަރުވާނެ ކަމަށެވެ.
މި މަސް ނިމުމުގެ ކުރިން ދައުަތުގެ ބަޖެޓު މަޖިލީހުން ފާސްކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
އަންނަ އަހަރަށް ލަފާ ކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނެފައިވެ އެވެ. އަދި ހަރަދުގެ ގޮތުގައި 33.3 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު ދައުލަތުގެ ދަރަނި އަދާކުރުމަށް 1.5 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހިމަނާފައިވެ އެވެ.
ބަޖެޓްގައި ޑެފިސިޓް ވާނެ ކަމަށް ލަފާކޮށްފައިވަނީ 15.5 ބިލިއަން ރުފިޔާ އެވެ.
ކޮމިޓީން ބަޖެޓަށް 134 މިލިއަން ރުފިޔާ އިތުރު ކުރި އިރު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ސަރުކާރުން ހުށަހެޅި ބަޖެޓު އޮތް ގޮތަށް އިތުރު ބަދަލެއް ނުގެނެސް ފާސްކޮށްދިނުމަށް މަޖިލީހުގައި އެދިވަޑައިގެންފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް