''ޑޮކްޓަރުންނަށްވެސް ކެތްކުރެވޭނީ ވަކި ވަރަކަށްނު.......ޑޮކްޓަރުންގެ ވެސް ހުންނާނީ ހަމަ އެހެން އިންސާނުންގެ ހުންނަ ހިއްސުތައްވިއްޔާ....... އެހެންނޫނަސް ހައިވީމަ ކިހިނެތް ކެތްކުރާނީ...... އަތުޖެހޭހިސާބުގަ މީރު ކާއެއްޗެއް އޮއްވަ އެއްވެސް މީހަކަށް ކެތްކުރެވޭނެތަ...... އަޅެ ފަހަރި ކީކޭ ބުނަނީ މިކަމާ......ފަހަރިއަށް ކެތް ވާނެތަ....... އަހަރެން މި ކެތްކުރާގޮތަށް.......'' ފަހުދު މޭގައި އަތް ޖައްސާލަމުން ޒާރާއާ އަދިވެސް ގާތަށް ޖެހިލިއެވެ. އޭނާގެ ތޫނު ނަޒަރު ޒާރާގެ މޫނަށް އަމާޒު ވެއްޖެއެވެ. އެ ބެލުމުގައި ދަހިވެތިކަމެއް އެކުލެވިފައިވާހެން ޒާރާއަށް ހީވިއެވެ. އެހާ ގާތުގައި ހުރެގެން އެގޮތަށް ބަލަން ފެށުމުން ޒާރާގެ ހިތް އަވަސްވާން ފެށިއެވެ. އެވަގުތު ނުވަވަނަ މަހުގެ ފަހު ދުވަސްތައް ގުނަމުންދާ ދަރިފުޅު، އާދަޔާ ޚިލާފަށް ބަނޑުން ތޮޅެޅިއެވެ. ސިހުން ލިބޭ ވަރަށެވެ. ތަދު އިހްސާސްވާ ވަރަށެވެ. ޒާރާއަށް ބޭއިޚްތިޔާރުގައި މޭޒުގައި އެއްއަތުން ހިފަހައްޓާލާފައި ގުދުވެވުނެވެ. ބަނޑުގައި އަނެއްއަތުން ފިރުމަމުން ކުކުރާލެވުނެވެ. އަނގައިން ބޭރުވެގެން ދިޔަ ''އާހް'' ގެ އަޑާއެކު އެންމެންގެ ސަމާލުކަން ޒާރާއަށް ހުއްޓުނެވެ. ކައިރީގައި ހުރި ފަހުދު އަވަސް އަވަހަށް ޒާރާއޭނާގެ ގަޔާލާ ހިފަހައްޓާލިއެވެ.
ޒާރާއަށް ތެޅިގަނެވުނެވެ. ފަހުދު އޭނާއާ ދުރުކުރުވަން ދެއަތަށް ބާރުވެސް ލި މެއެވެ. އެހެންނަމަވެސް ފަހުދު ހިފަހައްޓާފައިވަނީ ޒާރާއަށް ދުރަށް ދެވޭވަރަށްވުރެ ވަރުގަދަޔަށެވެ.
ވަގުތަކީ ނިދިން ހޭލެވިގެން ނާޒިމާ ކޮޓަރި ދޮރުހުޅުވާލުމަށްފަހު ބޭރަށް ބޯދިއްކޮއްލި ވަގުތެވެ. ފެނުނު މަންޒަރުގެ ފުރިހަމަކަމުން އަވަސް އަވަހަށް އެތެރެއަށް ޖެހިލާ، ދޮރާ، ދޮރުފަތް ކައިރިކޮއްލިއެވެ. ހުޅުވިފައިވާ ހަނި ދޭތެރެއިން ނާޒިމާ މަންޒަރު ބަލަންހުރީ ނުހަނު ޝައުގުވެރިކަމާއެކުގައެވެ. ޒާރާގެ އުނަގަނޑުގައި ފަހުދުގެ އަތް އަޅުވާ، ހިފަހައްޓާލައިގެން ހުރި އިރު ފަހުދު ކަޅިޖަހާނުލާ ބަލަންހުރީ ޒާރާގެ މޫނަށެވެ. އެފަދަ މަންޒަރެއް ފެނިދާނެކަމަށް ނާޒިމާއަށް ހީކުރެވިފައިވެސް ނެތެވެ. ފަހުދު ޒާރާގެ ހަށިގަނޑުގައި ހިފަހައްޓާލައިގެން ހުރިއިރު ފަހުދުގެ މޫނުމަތިން ނާޒިމާއަށް ފެނިގެންދިޔައީ ތަފާތު ކުލަވަރެކެވެ. އެފަދަ ކުލަތަކާ އެވަގުތު ފަހުދަށް ކުރެވޭނެ އިހްސާސްތަކާ ގުޅުވާލަން ނާޒިމާއަށް ނިކަން ފަސޭހަވިއެވެ. މަންޒަރު ބަލަންހުރިއިރު ނާޒިމާގެ ތުންފަތް މައްޗަށް ވެރިވެފައިވަނީ ވިހަ ހިނިތުންވުމެކެވެ.
'' ކިހިނެއްވީ ދަރިފުޅާ.......'' ސަރީފާ އަވަސް އަވަހާ ޒާރާގެ ގާތަށް ޖެހިލިއެވެ. ޒާރާ ފުރުސަރުގެ ބޭނުންހިފާ ސަރީފާގެ އަތުގައި ހިފަހައްޓާލުމަފަހު، ފަހުދުގެ އަތުތެރެއިން ވީއްލިގަތެވެ. ފަހުދު އެވަރުންވެސް ދޫކުރާކަށް ޚިޔާލެއް ނުކުރިއެވެ. ދެވަނަފަހަރަށްވެސް ޒާރާގެ ގާތަށްޖެހިލިއެވެ. ފަހަތުންއައިސް ޒާރާގެ ދެކޮޑުގައި ހިފަހައްޓާލިއެވެ.
''ކޮޓަރިއަށް ގެންދަންވީނު ބޯއްތާ....... މިވަގުތު ރަނގަޅުވާނީ ރެސްޓް ކޮއްލުން......'' ފަހުދު ބަލާލީ އޭނާގެ ބޮޑުދައިތަގެ މޫނަށެވެ. އެ މޫނުގައިވާ ހާސްކަން ފެނުމުން ފަހުދަށް އޭނާގެ ބަސް ބޮޑުދައިތަ ގަބޫލުކުރާނެކަން އެނގުނެވެ. ފަހުދަކީ ޑޮކްޓަރަކަށް ވާތީއެވެ. ވީވެސް ހަމަ އެހެންނެވެ. ބޮޑުދައިތަ އޭނާގެ ބަސްގަބޫލު ކުރިއެވެ.
''ހިނގާ ދަރިފުޅާ ........ މަޑުމަޑުން......ބަލައިގެން .......ފަހުދުބެ އެހީތެރިވެދޭނެ...... '' ސަރީފާ ޒާރާގެ އެއް އަތުގައި ހިފަމުން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ޒާރާއަށް ޖެހުނީ ފަހުދުގެ ގާތުގައި ހުރެގެން ކުރިއަށް ދާށެވެ. މަންމަގެ ބަހަށް އިންކާރުކުރާހާ ހިތްވަރެއް ޒާރާގެ ކިބަޔަކު ނެތެވެ.
''ފަހުދު މިވަގުތު ހުރިކަން އެއީ ކިހާބޮޑު ނަސީބެއް...... އިމްރާނަށް ގުޅަންވީދޯ......'' ޒާރާ ގޮވައިގެން ކޮޓަރިއަށް ވަދެ އެނދުގައި ބޭންދުމާއެކު ސަރީފާ ބަލާލީ ފަހުދުގެ މޫނަށެވެ.
''އެވަރުކަމެއް ނޫނޭ ބޯއްތާ...... އެހެންނޫނަސް އަހަރެން މިހިރީނު..... ކަމެއް ގޯސްވީކީވެސް ނޫނެއްނު...... އިމްރާން ވަރަށް ހާސްވާނެ މިވަގުތު ގުޅައިފިއްޔާ.......މިކަހަލަ ކުދިކުދި ކަންތައްތައް ދިމާވާނެ ދުވަސްފުރެމުން އަންނައިރު....... އަލަށްވީމަ އެހެން އެވަނީ....... ފަހުދު ބޭނުންވީ އޭނާގެ ބޮޑުދައިތައަށް ވިސްނާދީގެން ބޮޑުދައިތަގެ ހާސްކަން ކުޑަކުރުވާށެވެ. ޒާރާ ހަމަ އިންގޮތަށް އިނީއެވެ. ރޭން ފެށިގެން އޭނާގެ ބަޑުގައި ކުޑަކޮށް ރިހުމެއް އެބަހުއްޓެވެ. އެހެންނަމަވެސް ދުވަސްފުރެމުން އަންނައިރު އެހެންވާނެކަން އެނގޭތީ އެވާހަކަ އެއްވެސް މީހެއްގެ ގާތުގައި އޭނާ ނުބުނެއެވެ. ޒާރާއަކީ ވެސް ނަރުހެކެވެ. ވީއިރު ޒާރާއަށް އެފަދަ ކަންކަން ވަރަށް ރަނގަޅަށް އޮޅުންފިލާފައިވެއެވެ.
''ދަރިފުޅާ..... މިހާރު ކިހިނެއް......'' ސަރީފާ ޒާރާގެ ގާތުގައި އިށީނދެލިއެވެ. ޒާރާގެ ބުރަކަށީގައި އޯގާތެރިކަމާއެކު ފިރުމާލިއެވެ.
''އެބަ އަންނަން އިނގޭ...... ޖެހޭނެ ޕްރެޝަރ ބަލާލަން....... އަދި ދަރިފުޅުގެ ވިންދުވެސް ބަލާލަންވާނެ.......''އެއްވެސް މީހެއްގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ފަހުދު ނިކުމެގެން ދިޔައެވެ.
''މަންމާ..... މިހާރު އެއްކޮށް ރަނގަޅުވެއްޖެ..... ދެން ޕްރެޝަރ ނުބެލިޔަސް ރަނގަޅުވާނެ......'' ޒާރާ ބޭނުންވީ ފަހުދު އައުމުގެ ކުރިން ހުރިހާކަމެއްވެސް ރަނގަޅުކަމުގައި މައިދައިތައަށް ދައްކާށެވެ. މަޑުމަޑުން ކޮޅަށް ތެދުވެ ސީދާވެލިއެވެ.
''މިއޮއް އައީނު ޑޮކްޓަރު....... ޕްރެޝަރު ބަލާލަންވާއިރަށް މަންމަ އެބަ އަންނަން ދަރިފުޅަށް ސައި ހިފައިގެން .......'' ކޮޓަރިއަށް ވަދެގެންއައި ފަހުދުގެ މޫނަށް ބަލާލަމުން ސަރީފާ ހިނިތުންވެލިއެވެ. ސަރީފާ ހިނގައިގަތެވެ. ޒާރާ ބޭނުންވީ އޭނާގެ މައިދައިތަ ހުއްޓުވާށެވެ. ފަހުދު ލައްވާ ޕްރެޝަރ ބަލާކަށް ޒާރާ ބޭނުމެއްނޫނެވެ. އެހެންނަމަވެސް ޒާރާ އަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ސަރީފާ ކޮޓަރިން ނިކުމެއްޖެއެވެ. ދޮރުފަތަކީ އަމިއްލައަށް ލެއްޕޭގޮތަށް އިން ދޮރުފަތެއްކަމުން މަޑުމަޑުން ލެއްޕެމުންގޮސް ދޮރުފަތް ލެއްޕިއްޖެއެވެ.
ޒާރާގެ މޭ ތެޅެންފެށިއެވެ. ނުހަނު ބާރަށެވެ. ފަހުދު މަޑުމަޑުން ޒާރާގެ ދެކޮނޑުގައި ހިފާ އެނދުގައި ބޭންދިއެވެ. އަދި ނިކަން މަޑުމަޑުން ޒާރާގެ ބަނޑުގައި އަތް ޖައްސާލިއެވެ. ޒާރާއަށް އުނދަގޫވީ ކީއްވެކަމެއް ނޭގުނެވެ. ވަގުތުން ފަހުދުގެ އަތް ދުރައްޖައްސާލިއެވެ.
''ކިހިނެއްވީ......ދަރިފުޅުގެ ވިންދު ބަލާލަން މިއުޅެނީ.......ފަހަރި މަޑުން އިނދެބަލަ.......'' ދެވަނަ ފަހަރަށްވެސް ފަހުދު ޒާރާގެ ބަނޑުގައި އަތްތިލައިން ފިރުމާލިއެވެ. ޒާރާއަށް ކެތެއް ނުކުރެވުނެވެ. ފަހުދުގެ އަތް ދުރަށް ހޫރާލުމަށްފަހު އެނދުން ތެދުވިއެވެ. އެކަންވީ ފަހުދު މާޔޫސްކުރުވި ކަމަކަށެވެ. އެހެންނަމަވެސް އެކަން އޭނާގެ މޫނުމަތިން ނުދައްކާވޭތޯ މަސައްކަތް ކުރިއެވެ.
''އަހަންނަށް ހީވަނީ ފަހަރި އަހަންނާ ދޭތެރޭ ހިތް ސާފެއް ނޫންހެން.......އަހަރެން މިކުރާކަމެއް މިކުރަނީ ފަހަރިއާ ދަރިފުޅަށްޓަކާ........އަހަންނަށް ފަހަރިއާ ދޭތެރޭ ހިތްހަމަ ނުޖެހޭ ގޮތަކަށް ކަމެއް ކުރެވިފަ އޮތިއްޔާ މާފަށް އެދެން....... އެންމެ ރަނގަޅު ...... އަހަރެން މި ދަނީ......'' ފަހުދު ގެނައި ސާމާނު ހިފައިގެން އެނބުރިދާން ހިނގައިގަތެވެ. ޒާރާގެ ޖަވާބަކަށް އިންތިޒާރު ކުރަން އޭނާ ބޭނުން ނުވާކަހަލައެވެ.
''ފަހުދު......'' ޒާރާއަށް ބޭއިޚްތިޔާރުގައި ގޮވާލެވުނެވެ. ފުރަތަމަ ފަހަރަށް ފަހުދުގެ ނަމުން ޒާރާ މުޚާތަބު ކުރުމުން ފަހުދަށް ލިބުނީ ބަޔާންކުރަންވެސް ނޭނގޭފަދަ ހިތްހަމަޖެހުމެކެވެ. ޒާރާގެ އަޑަށް ފަހުދު ހުއްޓުނުކަމުގައިވިޔަސް ފަހަތަށް އެނބުރި ބަލާވެސް ނުލައެވެ. ހަމަ އެހުރިގޮތަށް ހުރީއެވެ. އިސްޖަހާލައިގެން ހުރި އިރު ފަހުދު އެހުރީ ވަރަށް ބޮޑަށް ދެރަވެ މާޔޫސްވެފައި ކަމުގައި ޒާރާއަށް ހީކުރެވުނެވެ. އެގޮތަށް ފަހުދު ދެރަވެގެން ނޫނީ ހިތްހަމަ ނުޖެހިގެން އެތަނުން ދާކަށް ޒާރާ ބޭނުމެއް ނޫނެވެ.
މައިދައިތަ ހީކުރާނީވެސް ކީކޭހެއްޔެވެ. އަނެއްކޮޅުން މައިދައިތަ ގާތު ފަހުދު ބުނާނެ އެއްޗެއްވެސް ނޭނގެއެވެ. ފަހުދު އެބުނީ ދޮގެއްވެސް ނޫނެވެ. ޒާރާއަށް ނުބައި ހީއެއް ކުރެވޭފަދަ އެއްވެސް ކަމެއް ފަހުދު ނުކުރެއެވެ. އެފަދަ ކަމަކަށް ޒާރާގެ ކިބައިން ފަހުދު ނުވެސް އެދޭމެއެވެ. ހުރިހާ ކަމެއްވެސް ފަހުދު އެކުރަނީ ޒަރާއަށް ރަނގަޅަކަށެވެ. އިމްރާންގެ އަނބިމީހާ ކަމަށް ވާތީއެވެ. އަންހެނުންގެ ހާއްސަ ޑޮކްޓަރަށް ދައްކާ ގިނަ ފަހަރު އެ ޑޮކްޓަރުވެސް ޒާރާގެ ބަނޑުގައި އަތްލައެވެ. އެވެސް ފިރިހެނެކެވެ. ވީއިރު މިއަދު ފަހުދު އެގޮތަށް އަތްލުމުން ޒާރާ އަށް ކަންތައް އެ ކުރެވުނީ ރަނގަޅަކަށް ނޫނެވެ.
''ސައިބޯން އުޅޭ ދަރިފުޅާ......'' ޒާރާ ވިސްނުމުގެ ތެރެއަށް ގެއްލިފައި ހުއްޓާ މައިދައިތަ އައިސް ވަންއިރުވެސް ނޭނގުނެވެ. ވަށައިގެން ހޯދާލެވުނެވެ. ފަހުދެއް ނެތެވެ. އޭނާ ހިނގައްޖެއެވެ.
''ފަހުދު ދިޔައީދޯ.......ވަރަށް އަވަސްއަރުވާލާފަ ތިރިއަށް ހިނގައްޖެ........ ގޮވީމަވެސް އެއްވެސް އެއްޗެއްނުބުނޭ...... އަނެއްކާ އިމަޖެންސީ ކޯލެއް އައީބާ ހޮސްޕިޓަލުން......އެވާނީ އެހެންކަމަށް........އެއީ ޑޮކްޓަރުން އުޅެންޖެހޭގޮތްދޯ.........ނަސީބެއް ދަރިފުޅުވެސް ވަޒީފާ ދޫކޮއްލިކަން......އެހެން ނޫންނަމަ ނުލިބޭނެ އަރާމުކޮށްލާނެވެސް ވަގުތެއް.......'' އެނދުގައި ޒާރާގެ ގާތުގައި ސަރީފާ އިނށީދެލިއެވެ. ތަށިން މަސްރޮއްޓެއް ނަގާ ކާންފެށިނަމަވެސް ޒާރާއަށް ވިސްނެނީ ފަހުދާ ދޭތެރޭގައެވެ. ފަހުދު އެދިޔައީ ރުޅިއައިސްގެން ބާވައެވެ. ނޫނީ ދެރަވެގެން ބާވައެވެ. މިއަދު ހިނގިކަންތައް އިމްރާނަށް އެނގިއްޖެނަމަ ހިތަށް އަރާނީ ކީކޭބާވައެވެ. ޒާރާ ދެކެ އޭރުން އިމްރާންވެސް ހިތްހަމައެއް ނުޖެހޭނެކަން ޒާރާއަށް އެނގެއެވެ.
ފަހުދުގެ ކިބައިން އެއްވެސް މީހަކަށް އެކަން އެނގުމުގެ ކުރިން ފަހުދާ ވާހަކަދައްކަން ޒާރާ ނިންމިއެވެ. އާއިލާ ތެރޭގައި މަސްލަހަތު ގެއްލޭފަދަ ކަމެއް ވާކަށް ޒާރާ ނޭދެއެވެ. އެހެންކަމުން މިއަދު ޒާރާއަށް ފަހުދާ ދޭތެރޭގައި ކަންތައްކުރެވުނު ގޮތާމެދު ފަހުދުގެ ކިބައިން މާފަށް އެދެން އޭނާ ގަސްދުކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް