އިދާރާތަކުގެ އޮފިޝަލުންނަށް އަމާޒުކޮށް އިންޑިއާއިން ތަމްރީން ޕްރޮގްރާމްތަކެއް ފަށައިފި

ރާޢްޖޭގެ އެކި އިދާރާތަކުގެ އޮފިޝަލުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް އިންޑިއާއިން ފަށައިފި އެވެ. މި ތަމްރީންތައް ކުރިޔަށް ގެންދަނީ ކަސްޓަމްސް އާއި އިލެކްޝަންސް ކޮމިޝަން އަދި ސިވިލް ސާވިސް ކޮމިޝަނުގެ މ...

24 Nov 2020 | 02:57

ރާޢްޖޭގެ އެކި އިދާރާތަކުގެ އޮފިޝަލުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް އިންޑިއާއިން ފަށައިފި އެވެ.

މި ތަމްރީންތައް ކުރިޔަށް ގެންދަނީ ކަސްޓަމްސް އާއި އިލެކްޝަންސް ކޮމިޝަން އަދި ސިވިލް ސާވިސް ކޮމިޝަނުގެ މުވައްޒަފުންގެ އިތުރުން ސިއްހީ ދާއިރާ އާއި ޓީޗަރުންނަށް އަމާޒު ކޮށެވެ. މިއީ ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން އިންޑިއާގެ އެކި އިންސްޓިޓިއުޓްތަކާއި ގުޅިގެން އޮންލައިންކޮށް ކުރިޔަށް ގެންދާ ތަމްރީންތަކެކެވެ.

މީގެ ތެރެއިން ކަސްޓަމްސް އަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ތަމްރީން ޕްރޮގްރާމްގައި ރާއްޖޭގެ ކަސްޓަމްސްގެ 40 އޮފިސަރުން ބައިވެރިވެ އެވެ. މިމަހުގެ 23-27 އަށް ކުރިޔަށް ގެންދާ މި ތަމްރީން ޕްރޮގްރާމްގައި މައުލޫމާތު ދެނީ އިންޑިއާގެ ފަރީދާބާދުގައި ހުންނަ ނެޝަނަލް އެކެޑެމީ އޮފް ކަސްޓަމްސް އިންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ 10 އޮފިސަރުން ބައިވެރިކޮށްގެން ކުރިޔަށް ގެންދާ ތަމްރީން ޕްރޮގްރާމްގައި މައުލޫމާތު ދެނީ ކާމިޔާބުކަމާއިއެކު، ވޯޓުލާ މީހުން ރަޖިސްޓްރީ ކުރުމަށް ހިންގާ ކެމްޕެއިންތައް ރާވާ ހިންގުމަށް ބޭނުންވާ އުކުޅުތަކާއި، ކެޕޭސިޓީ ޑިވެލޮޕް ކުރާނެ ގޮތެވެ. މި ތަމްރީންތައް ކުރިޔަށް ގެންދަނީ އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ ދަށުން ހިންގާ އިންސްޓިޓިއުޓް އޮފް ޑިމޮކްރެސީ އެންޑް އިލެކްޝަން މެނޭޖްމެންޓް އިންނެވެ.

ސިއްހީ ހިދުމަތްތެރިންނަށް އަމާޒުކޮށް އިންޑިއާގެ ޑިޕާޓްމަންޓް އޮފް ބަޔޯޓެކްނޮލޮޖީ އާއި ދެކުނު އޭޝިއާގެ ގައުމުތަކުގެ ސިއްހަތާ ބެހޭ ވުޒާރާތައް ގުޅިގެން އަންނަނީ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގަމުން ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެ އެވެ. ރާއްޖެއިން ވެސް ބައިވެރިވެފައިވާ މި ޕްރޮގްރާމްތަކުގައި ގުޑް ކްލިނިކަލް ޕްރެކްޓިސަސް އަދި ގުޑް ކްލިނިކަލް ލެބޯޓްރީ ޕްރެކްޓިސަސް ފަދަ މައުލޫމާތުތައް ހިމެނެ އެވެ. ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވި ގައުމުތަކުގެ ސިއްހީ ދާއިރާތަކަށް ކޮވިޑްގެ ވެކްސިން ތައްޔާރުވެ އެޕްރޫވް ވުމާއެކު އެންމެ އެކަށީގެންވާ ގޮތެއްގައި ވެކްސިން އެއް ތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިގެންދާނެ އެވެ.

ދިވެހި ޓީޗަރުން ތަމްރީނުކުރުމުގެ ސްޕެޝަލައިޒްޑް ފަސް ކޯހެއް މިދިޔަ ހޯމަ ދުވަހު ވަނީ ފަށައިފަ އެވެ. ޗެންނާއިގައި ހުންނަ ނެޝަނަލް އިންސްޓިޓިއުޓް ފޯ ޓީޗާސް ޓްރެއިނިން އެންޑް ރިސާޗުން ހިންގާ ކޯސްތަކުގެ ތެރޭގައި ކޮލިޓީ އެޝުއަރެންސް އިން އޮންލައިން ޓީޗިން، ލާނިން މެނޭޖްމަންޓް ސިސްޓަމްސް، އޮންލައިން ޓީޗިން ޔޫސިން ކޮލަބޮރޭޓިވް ޓޫލްސް، މޮނިޓަރިން ފްރޭމް ވޯކްސް ފޯ އޮންލައިން ކޯސް އަދި އިންސްޓްރަކްޝަނަލް ޑިޒައިން ފޯ އޮންލައިން ކޯސް ހިމެނެ އެވެ.

ސިވިލް ސާވިސް މުވައްޒަފުންނަށް އަމާޒުކޮށް އިންޑިއާގެ ނެޝަނަލް ސެންޓަރ ފޯ ގުޑް ގަވަނެންސް އިން ހިންގާ ދެ ދުވަހުގެ ވޯކްޝޮޕް ތާވަލްކޮށްފައިވަނީ ފެބްރުއަރީ 2021 އަށެވެ. އިންޑިއާ ކޮމިޝަނުން ބުނީ ސިވިލް ސާވިސް މުވައްޒަފުން ތަމްތީން ކުރުމަށް ހިންގާ ޕްރޮގްރާމްތަކުގެ ދަށުން ރާއްޖޭގެ1500 އަށްވުރެ ގިނަ ސިވިލް ސާވަންޓުންނަށް މިހާތަނަށް އިންޑިއާއިން ތަމްރީން ދީފައިވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް