ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ އަނެއްކާވެސް ރާއްޖެ އައިސްފި އެވެ.
މިދިޔަ ދެތިން އަހަރު އޭނާ އެކުވެރިން، ނުވަތަ އާއިލާ މެންބަރުންނާއި އެކު ރާއްޖެއަށް ޗުއްޓީ ހޭދަ ކުރަން އައިސްފައިވެ އެވެ. އެންމެ ފަހުން އައިސްވައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
ރާއްޖެއަކީ ސޮނާކްޝީ އެންމެ ޗުއްޓީ ހޭދަ ކުރަން ބޭނުންވާ ގައުމެވެ. އޭނާ ރާއްޖޭގައި އެންމެ ގަޔާވަނީ ފީނުމާއި ދޮންވެލި ގަނޑުމަތީގައި އޮވެލަންކަމަށް މީގެ ކުރިން ބުނެފައިވެ އެވެ.
އަދި ކޯވިޑް-19 ގެ ލޮކްޑައުނަށް ފަހު ބޯޑަރުތައް ހުޅުވާލުމާއި އެކު އެންމެ އަވަހަށް ދެވޭތޯ ބަލާނީ ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަން ކަމަށް މީގެ ކުރިން ބުންޏެވެ. އެ ހުވަފެން ހަގީގަތަކަށް ހަދަން އޭނާ މިހާރު ހުރީ ރާއްޖެ އައިސްފައި އެވެ.
މި ފަހަރު އޭނާ ޗުއްޓީ ހޭދަ ކުރަމުންދަނީ ގްރޭންޑް ޕާކް ކޮއްދިޕަރު ރިސޯޓްގަ އެވެ.
އެ ރިސޯޓުގެ ގޮނޑުދޮށުގައި ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކޮށް އެއް ފޮޓޯގައި ސޮނާކްޝީ އޭނާ ސިފަކުރީ "އައިލެންޑް ގާލް" ގެ ގޮތުގަ އެވެ. އެ ފޮޓޯގައި ފެންނަނީ އޭނާ ދޮންވެލިގަނޑު މަތީގައި އިށީނދެގެން އިންނަ ތަނެވެ.
އަނެއް ފޮޓޯގައި ސޮނާކްޝީ އިންނަނީ ރާޅުޖަހާ ފަށުގައި އިށީނދެގެންނެވެ. އެ ފޮޓޯ ހިއްސާ ކުރުމަށް ފަހު ބުނެފައި ވަނީ "އެންމެ އުފާވަނީ މޫދުގައި" ކަމަށެވެ.
https://www.instagram.com/p/CH7OUeJJDLX/
ސޮނާކްޝީ ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް އެތައް ލައްކަ ބަޔަކު ބަލާފައިވާއިރު ރާއްޖޭގެ ރީތިކަމަށް ތައުރީފުކޮށްފައިވެ އެވެ.
ސޮނާކްޝީ އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމު "ދަބަންގް 3" އިންނެވެ.
ސޮނާކްޝީއެކޭ އެއްގޮތަށް އިންޑިއާގެ ގިނަ ފިލްމީ ތަރިންތަކެއް ވަނީ ލޮކްޑައުނަށް ފަހު ޗުއްޓީ ހޭދަ ކުރަން ދާން ބޭނުންވާ ގައުމަކީ ރާއްޖެ ކަމަށް ބުނެފައި އެވެ. އަދި އެއީ ހުސް ވާހަކަތަކެއް ނޫންކަން އެނގެނީ ލޮކްޑައުނަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއި އެކު ގިނަ ބޮލީވުޑް ތަރިންތަކެއް ރާއްޖެއަށް ޗުއްޓި ހޭދަ ކުރަން އަންނަމުން ދާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް