ރައްޔިތުންގެ މަޖިލީހުގައި ސައްހަކަން ކަށަވަރު ނުވާ ގޮތަށް ގުރުއާން ވިދާޅު ނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެންގީ ޤުރުއާނާއި މެދު އެއްވެސް ޝައްކެއް އޮވެގެންނޫން ކަމަށާއި އެގޮތަށް އެންގީ ޤުރުއާނާއި މެދު ހިތުގައި އޮތް ޤަދަރެއްގެ ބޮޑުކަމުންކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް މަރުހަލާގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ގުރްއާނުގެ އާޔަތެއް ވިދާޅުވެ އޭގެ މާނަ ވިދާޅުވާން ފެއްޓެވުމުން އޭނާގެ ވާހަކަ ހުއްޓުވައި ދެއްވި ރައްދުގައެވެ.
މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ގުރްއާނުގެ އާޔަތެއް ވިދާޅުވެ އޭގެ މާނަ ވިދާޅުވާން ފެއްޓެވުމުން މުހައްމަދު ނަޝީދު އޭނާގެ ވާހަކަ އަށް ހުރަސް އެޅުމުން ސަލީމް ވިދާލުވީ އެކަން އެގޮތަށް ކުރެއްވީ އިއްޒަތްތެރި ރައީސަށް ޤުރުއާނާއި މެދު ދެކެވިފައި އޮތް ގޮތް ގޯސްވީމަކަށް ވެދާނެތީކަމަށެވެ. ސަލީމް މިހެން ވިދާލުވުމުން އޭގެ ރައްދުގައި ނަޝީދު ވިދާޅުވީ އެކަން އެގޮތަށް ކުރީ ޤުރުއާނާއި މެދު އެއްވެސް ޝައްކެއް އޮވެގެންނޫން ކަމަށާއި އެގޮތަށް އެންގީ ޤުރުއާނާއި މެދު ހިތުގައި އޮތް ޤަދަރެއްގެ ބޮޑުކަމުންކަމަށެވެ.
ނަޝީދު ވިދާޅުވީ މަޖިލީހުގައި އާޔަތްތައް ވިދާޅުވާ އިރު ކުރިން ވެސް ސައްހަ ނޫން ގޮތަށް ބައެއް ފަހަރު އާޔަތްތައް ވިދާޅުވާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި
އެހެންކަމުން އެކަން އެގޮތަށް ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ އެ މަނިކުފާނަށް ގުރުއާން ހިތު ދަހެއް ނޫންކަމަށާއި އެހެންވީމަ މަޖިލިސްތެރޭ އެމަނިކުފާނު ރިޔާސަތުގައި އިނދެ އިއްޒަތްތެރި މެމްބަރުން ގުރުއާނުގެ އާޔަތްތައް ވިދާޅުވަމުން ގެންދަވާއިރުގައި އެމަނިކުފާނަށް އޭގެ ސައްހަކަން ކަށަވަރެއް ނުކުރެވޭކަމަށެވެ. އަދި އިއްޒަތްތެރި މެމްބަރުންނަކީ ދީނީ އިލްމުވެރިންނެއް ނޫންކަމަށާއި އެހެންވީމަ އެ މަގަށް ވާހަކަ ގެންދަވާތީ އުނދަގުވާކަމަށް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު އެހެން ވިދާޅުވުމުން ސަލީމް ވަނީ ރައީސް ނަޝީދު ގުރުއާނުގެ ތަރުޖަމާ ހިއްޕަވައިގެން މަޖިލީހުގައި ވިދާޅުވާ އާޔަތްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ވެސް ގޮވާލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް