އެންޓީބޮޑީ ޓެސްޓު ހެދުމަށް އެއްބާރުލުންދީ، ޕޮސިޓިވް ވިޔަސް އައިސޮލޭޓްވާން ނުޖެހޭނެ!

ކޯވިޑް-19 އާއި ގުޅިގެން މާލޭ ސިޓީގައި ކުރިޔަށް ގެންދާ އެންޓީ ބޮޑީ ޓެސްޓު ހެދުމަށް އާންމުންގެ ފަރާތުން އެއްބާރުލުން ދިނުމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އިލްތިމާސްކޮށްފި އެވެ. އެ ސެންޓަރުގެ...

24 Oct 2020 | 18:10

ކޯވިޑް-19 އާއި ގުޅިގެން މާލޭ ސިޓީގައި ކުރިޔަށް ގެންދާ އެންޓީ ބޮޑީ ޓެސްޓު ހެދުމަށް އާންމުންގެ ފަރާތުން އެއްބާރުލުން ދިނުމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އިލްތިމާސްކޮށްފި އެވެ.

އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާޓިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެންޓީ ބޮޑީ ޓެސްޓު ހަދަނީ މާލޭގައި އެކި އުމުރު ފުރާތަކުގެ މީހުންގެ މެދުގައި ކޯވިޑް ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ކަމަށެވެ. އޭނާ ވިދާޅުވީ މި ސާވޭ ހެދުމަށް އާންމުންގެ ފަރާތުން އެއްބާރުލުން ލިބުނަސް އެދެވޭ މިންވަރަކަށް ލިބެމުން ނުދާ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިހާތަނަށް އެންޓީ ބޮޑީ ޓެސްޓު ކުރުމުގެ ސާވޭގެ ދަށުން 17 އަހަރުން ދަށުގެ ކުދިންގެ ސާމްޕަލްތައް ނަގައި ޓެސްޓުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ކުރިޔަށް ދަނީ 18 އަހަރުން މަތީގެ މީހުންގެ އެންޓީބޮޑީ ޓެސްޓު ހެދުން ކަމަށެވެ.

އިތުރަށް ވިދާޅުވީ އާންމުންގެ ފަރާތުން އެދެވޭ ތަރުހީބު ނުލިބެނީ މި ޓެސްޓާއި މެދު އާންމުން ދެކޭގޮތުން ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ. މި ޓެސްޓު ކުރާ ގޮތާއި ގުޅޭގޮތުން ވިދާޅުވީ އެންޓީ ބޮޑީ ޓެސްޓު ކުރާނީ ލޭ ނަގައިގެން ކަމަށާއި ޓެސްޓު ނަތީޖާ އެމީހަކަށް ލިބޭނީ އެސްއެމްއެސް މެދުވެރިކޮށް ކަމަށެވެ.

މި ނަތީޖާ ޕޮސިޓިވް ވިޔަސް އެމީހަކު އައިސޮލޭޓް ވާން ނުޖެހޭނެ ކަމަށެވެ. މި ސާވޭ އަކީ އެއްވެސް އިރެއްގައި ކޯވިޑް ޖެހިފައިވޭތޯ ބެލުމަށް ހަދާ ޓެސްޓެއް ކަމަށް ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 11،421 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 10،472 މީހުން ބަލިން ރަނގަޅުވެފައިވާއިރު މި ބަލީގައި 37 މީހުން ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް