ކުޅުދުއްފުށި ސިޓީން ކޯވިޑްގެ ކޭސްތަކެއް ފެނިފައިވާތީ މޮނިޓަރިންގެ ހަލަތުން ނަގައި އާންމު ހާލަތަށް ރަށް ގެންނާނީ އިތުރު ދެ މަރުހަލާއެއް ފުރިހަމަ ކުރުމަށްފަހު ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ކޯވިޑް-19 އަށް ކުޅުދުއްފުށިން ފުރަތަމަ ޕޮސިޓިވްވެފައިވަނީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުުލުހެކެވެ. އެމީހާ ޕޮސިޓިވްވުމާއި ގުޅިގެން އުތުރުގެ ތިން އަތޮޅުގެ ހަ ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނައި އިރު އޭގެ ތެރެއިން މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތީ ކުޅުދުއްފުށި ސިޓީ އެކަންޏެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ކުޅުދުއްފުށިން މި މަހުގެ 17 ވަނަ ދުވަހު ޕޮސިޓިވްވި ހަތަރު މީހުންގެ ފަހުން އިތުރު ބަޔަކު ޕޮސިޓިވްވެފައި ނުވާ ކަމަށެވެ. އަދި ފަހުން ނެގި ރެންޑަމް ސާމްޕަލް ތަކާއި ބަލީގެ އަލާމާތްތައް ހުރި މީހުންވެސް ބައްޔަށް ނެގެޓިވް ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ކުޅުދުއްފުށީގައި ބަލި ފެތުރިދާނެ ކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އެ ރަށުގެ ޓާކްސްފޯސް އާއ ގުޅިގެން އަޅާފައިވާ ކަމަށެވެ. އަދި މި ފިޔަވަުތަކަށް ލުއި ދިނުމުގައި ދެ ކަމަކަށް ބަލާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިޔަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިތުރު ރެންޑަމް ސާމްޕަލްތަކެއް ކުޅުދުއްފުށީގައި ކޯވިޑް ފެތުރޭތޯ ބަލަން ނަގާނެ ކަމަށެވެ. އެ ސާމްޕަލްތައް ނެގެޓިވް ވެއްޖެ ނަމަ ދެން ނަގާނީ ކޯވިޑް-19 ގެ އަލާމާތްތައް ފެންނަ މީހުންގެ ތެރެއިން ވަކި އަދަދަކަށް ސާމްޕަލްތަކެއް ކަމަށާއި މޮނިޓަރިންގެ ހާލަތުން ނަގައި ރަށް ހުޅުވާލާނީ މި ދެ މަރުހަލާގައި ނަގާ ހުރިހާ ސާމްޕަލެއް ނެގެޓިވް ވެއްޖެ ނަމަ ކަމަށެވެ.
މިހާރު ކުޅުދުއްފުށީގައި ކޯވިޑް ޖެހިފައިވާ 11 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި ތިން ބިދޭސީންނެވެ.
އަތޮޅު ތެރޭގެ 22 ރަށެއްގައި މިވަގުތު ކޯވިޑަށް ޕޮސިޓިވް މީހުން ތިބި އިރު ޖުމްލަ 47 މީހަކު އެ ރަށްރަށުގައި އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް