ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިދޭސީން ދިރިއުޅޭ ސައިޓެއްގައި އުޅޭ 72 ބިދޭސީއަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
މިއީ ކޯވިޑް-19 އާއި ގުޅިގެން ލޮކްޑައުން ކުރުމަށް ފަހު ޖުލައި މަހު ލުއިދިން ފަހުން މާލޭ ސިޓީގައި އެއް ތަނެއްގައި ދިރިއުޅޭ މިހާ ގިނަ ބިދޭސީން ކޯވިޑަށް ޕޮސިޓިވްވި ފުރަތަމަ ފަހަރެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެ ސައިޓުން މިމަހުގެ 21 ވަނަ ދުވަހު ފުރަތަމަ ޓެސްޓު ކުރި 62 މީހުންގެ ތެރެއިން ޕޮސިޓިވްވީ 39 މީހުން ކަމަށެވެ. އަދި އޭގެ ފަހުން ދެ ދުވަހެއްގެ މަތިން އިތުރު ހަ މީހަކު ޕޮސިޓިވްވެފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ތަނުން ޕޮސިޓިވްވި މީހުންގެ ޖުމްލަ އަދަދު 72 އަށް އަރާފައިވާތީ އެ ސައިޓު ބަންދުކޮށް އެންމެން ކަރަންޓީންކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އެޗްއީއޯސީން ބޮޑެތި ކްލަސްޓާއިންގެ ގޮތުގައި މިހާޜު ފާހަގަކޮށްފައިވާ ކޭސްތަކުގެ ތެރެއިން ފިޔަވަތިން ޕޮސިޓިވްވި މީހުންގެ އަދަދު 38 އަށް އަރާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ 18 މުވައްޒަފުންނާއި 20 ކުދިންނެވެ.
އެންމެ ފަހުން ދެ ކުދިން ޕޮސިޓިވްވީ ހުކުރު ދުވަހު އެވެ. އެ ކުދިންނަކީ ކޮންޓެކްޓުވެގެން ކަރަންޓީންކޮށްފައި ތިބި މީހުންގެ ތެރޭގައި ހިމެނޭ ބައެކެވެ. ފިޔަވަތީގައި ޕޮސިޓިވްވި މީހުންނާއި ގުޅުން ހުރި މީހުންގެ ގޮތުގައި މިވަގުތު 80 މީހަކު ކަރަންޓީންކޮށްފައި އެބަތިއްބެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 11،421 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 10،472 މީހުން ބަލިން ރަނގަޅުވެފައިވާއިރު މި ބަލީގައި 37 މީހުން ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް