ސިޓީ އަދި ވެސްޓްހަމް މެޗަށް ހަމަހަމަ ނިމުމެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު މެންޗެސްޓަރ ސިޓީ އާއި ވެސްޓްހަމް ޔުނައިޓެޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ. ސިޓީ އަދި ވެސްޓްހަމް ބައްދަލުކުރި މި މެޗުގެ 18 ވަނަ މިނެޓްގައި މި...

24 Oct 2020 | 16:38

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު މެންޗެސްޓަރ ސިޓީ އާއި ވެސްޓްހަމް ޔުނައިޓެޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

ސިޓީ އަދި ވެސްޓްހަމް ބައްދަލުކުރި މި މެޗުގެ 18 ވަނަ މިނެޓްގައި މިކޭލް އެންޓޯނިއޯ ވަނީ ލަނޑެއް ކާމިޔާބު ކޮށް ވެސްޓްހަމް އަށް މި މެޗުގެ ލީޑު ނަގާދީފައެވެ.

ވެސްޓްހަމް ކުރީގައި އޮވެގެން މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް މެޗުގެ ދެވަނަ ހާފްގެ 51 ވަނަ މިނެޓުގައި ފިލް ފޮޑެން ވަނީ ސިޓީ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ފޮޑެން އަކީ މެޗުގެ ދެވަނަ ހާފްގައި ސާޖިއޯ އަގުއެރޯގެ ބަދަލުގައި ކުޅެން އެރި ކުޅުނަތެރިއެކެވެ. މި މެޗުގައި އަގުއޭރޯ ބަދަލުކިރީ އަނިޔާވެގެންނެވެ. އަގުއެރޯ އަށް އަނެއްކާވެސް އަނިޔާވެފައި މިވަނީ ކުރިން ލިބުނު އަނިޔާ އިން ރަނގަޅުވެގެން އެނބުރި އައިތާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.

މި ނަތީޖާއާއެކު ސިޓީ އޮތީ ކުޅުނު ފަސް މެޗުން ލިބުނު 8 ޕޮއިންޓާ އެކު ލީގުގެ 12 ވަނައިގައެވެ. މިއީ 2014 ވަނަ އަހަރަށްފަހު ފަސް މެޗަށްފަހު ސިޓީ އަށް އެންމެ މަދު އަދަދަކަށް ޕޮއިންޓު ހޯދުނު ފަހަރެވެ. ވެސްޓްހަމް އޮތީ ހަ މެޗުން ލިބުނު 8 ޕޮއިންޓާ އެކު ލީގުގެ 11 ވަނައިގައެވެ. ވެސްޓްހަމް އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

ލީގުގައި ސިޓީން ދެން ބައްދަލުކުރާނީ ޝެފީލްޑް ޔުނައިޓެޑާ އެވެ. އަދި ވެސްޓްހަމް ނިކުންނާނީ ލިވަޕޫލްއާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް