ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ އެއްވަނަ އަށް !

ސްޕެނިޝް ލީގުގައި މިރޭ ވާދަވެރި ބާސެލޯނާ އާއި ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑުން ކުރި ހޯދައިފިއެވެ. ބާސާގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލް މެޑްރިޑުން ކާމިޔާބު ކުރީ 1-3 ގެ ނަތީޖާއިންނެވެ. މިރޭ ކު...

24 Oct 2020 | 16:20

ސްޕެނިޝް ލީގުގައި މިރޭ ވާދަވެރި ބާސެލޯނާ އާއި ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑުން ކުރި ހޯދައިފިއެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލް މެޑްރިޑުން ކާމިޔާބު ކުރީ 1-3 ގެ ނަތީޖާއިންނެވެ.

މިރޭ ކުޅުނު މި މެޗުގައި ރެއާލް ގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފަސްވަނަ މިނެޓްގައި އުރުގުއޭ ފޯވާޑް ފެޑެރީކޯ ވަލްވާޑޭ ވަނީ ލަނޑު ޖަހާ ރެއާލް އަށް ލީޑު ނަގާދީފައެވެ. ނަމަވެސް އޭގެ ތިން މިނެޓް ފަހުން ބާސާ އިން ވަނީ ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. ޖޯޑީ އަލްބާ ދިން ޕާހަކުން މި ގޯލު ބާސާ އަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް އަންސޫ ފާޓީ އެވެ.

މި ގޯލަށްފަހު ވެސް ދެ ޓީމަށް ވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. އެގޮތުން މެސީ ހުސްކޮށް ހުރެ ފޮނުވާލި ބާރު ހަމަލާއެއް ރެއާލްގެ ކީޕަރު ކޯޓުއާ ވަނީ ދިފާއުކޮށްފައެވެ. އަދި ރެއާލްގެ ފޯވާޑް ކަރީމް ބެންޒެމާ އޭރިޔާތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއެއް ބާސާގެ ކީޕަރު ނެޓޯ ވަނީ ދިފާއުކޮށްފައެވެ.

ދެ ޓީމު ވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު، ދެވަނަ ހާފުގެ ކުރީކޮޅު ފާޓީ އާއި ކުޓީނިއޯ ވަނީ ރެއާލްގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. އެ ދެ ހަމަލާ ވެސް ދިޔައީ ގޯލާ އަމާޒު ނުވެއެވެ.

ބާސާ އިން ރަނގަޅަށް ކުޅެމުންދަނިކޮށް މެޗުގެ 63 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ސާޖިއޯ ރާމޯސް ވަނީ ރެއާލް އަށް ދެވަނަ ފަހަރަށް ލީޑު ނަގާދީފައެވެ. މި ޕެނަލްޓީ ރެއާލް އަށް ލިބުނީ ބާސާގެ ޑިފެންޑަރު ލެންގްލޭ ރާމޯސް އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

މި ގޯލަށްފަހު ރެއާލްގެ ތިންވަނަ ގޯލު ކާމިޔާބު ކޮށް ލީޑު ފުޅާކުރީ މެޗުގެ 90 ވަނަ މިނެޓްގައި ލޫކަ މޮޑްރިޗް ކާމިޔާބުކޮށްދިން ހިއްގައިމު ގޯލުންނެވެ.

މިރޭގެ މި މޮޅާއެކު ރެއާލް އޮތީ 13 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައެވެ. ބާސާ އޮތީ 7 ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް