ޗައިނާއިން ރާއްޖެ އަންނަ ފުރަތަމަ ފްލައިޓް އަންނަ މަހު 29 ގައި..

ބޯޑަރު ހުޅުވާލި ފަހުން ޗައިނާއިން ރާއްޖެ އަންނަ ފުރަތަމަ ފްލައިޓް އަންނަ ނޮވެމްބަރ މަހު 29 ގައި އަންނާނެ ކަމަށް ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުން އާންމުކޮށްފައިވާ ތިން މަސްދުވަހުގެ ފްލައިޓު ޝެޑިއުލް އި...

24 Oct 2020 | 10:04

ބޯޑަރު ހުޅުވާލި ފަހުން ޗައިނާއިން ރާއްޖެ އަންނަ ފުރަތަމަ ފްލައިޓް އަންނަ ނޮވެމްބަރ މަހު 29 ގައި އަންނާނެ ކަމަށް ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުން އާންމުކޮށްފައިވާ ތިން މަސްދުވަހުގެ ފްލައިޓު ޝެޑިއުލް އިން ދައްކައިފި އެވެ.

މިއަދު ޢާންމުކުރި ތިން މަސްދުވަހުގެ ފްލައިޓު ޝެޑިއުލްގައިވާ ގޮތުން ކޮވިޑަށް ފަހު ޝެޑިއުލްގައިވާ ގޮތުން އެގައުމުން ރާއްޖެއަށް އެންމެފުރަތަމަ އަންނާނީ ޗައިނާ ސަދަން އެއަރލައިންގެ ފްލައިޓެކެވެ. އަދި އެ ފްލައިޓް އަންނަނީ ގުއަންޒޯ އިންޓަރނޭޝަލް އެއަރޕޯޓުންނެވެ.

މިއީ ރާއްޖެއަށް ކުރިންވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ އެއަރޕޯޓެކެވެ.

މީގެ އިތުރުން، ޗައިނާގެ ވެރިރަށް ބެއިޖިންގ އިން "ބެއިޖިންގ ކެޕިޓަލް އެއަރލައިން"ގެ ދެ ފްލައިޓު އައުމަށް ވެސް ވަނީ ތާވަލްކޮށްފަ އެވެ. އެއީ ޑިސެމްބަރު ދޭއް، އަދި ހަތަރު ވަނަ ދުވަހު އެވެ.

މި ތިން މަސް ތެރޭ ބޭރުގެ 31 އެއަރލައިނެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާ އިރު، އޭގެ ތެރޭގައި ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކުރުމަށްފަހު އަލަށް ރާއްޖެއަށް ފަށާ އެއަރލައިންތައްވެސް ހިމެނެ އެވެ.

ޗައިނާ އަކީ މިދިޔަ އަހަރުވެސް އެއްގައުމަކުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި ގައުމެވެ.

އެގޮތުން އެގައުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު ދައުރެއް އަދާކުރާ ގައުމެކެވެ.

މިދިޔަ ޖުލައި މަހު 15 ވަނަ ދުވަހުން ފެށިގެން 31،000އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަ އިރު، ސަރުކާރުން އަމާޒު ހިފާފައިވަނީ ބޯޑަރު ހުޅުވާލިފަހުން 120،000 ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް މާޗު 27 ގައި ބަންދު ކުރި އިރު، އަހަރުގެ ފުރަތަމަ ތިންމަހުގެ ތެރޭ 380،000 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް 1.77 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް