ރާއްޖެއިން ބޭރު ގައުމުތަކުގައި ހިންގާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ފަހު ރާއްޖެ އަންނަ މީހުންނަށް ހާއްސަ ޖަލެއް ހަދައި ފުރަތަމަ މީހާ ބަންދުކޮށްފި އެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ މި ޖަލަށް ދީފައިވާ ނަމަކީ ނެޝަނަލް ރީއިންޓަގްރޭޝަން ސެންޓަރެވެ. މި ޖަލު ހަދާފައިވަނީ ކ. ހިންމަފުށީގައި އެވެ.
ހޯމް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެތަނުގައި ފުރަތަމަ ފަހަރަށް ބަންދުކުރީ މި މަހުގެ 15 ވަނަ ދުވަހު ސީރިއާގެ ދާހިލީ ހަނގުރާމާއިގަ ބައިވެރިވުމަށް ފަހު ރާއްޖެ އައުމުން ހައްޔަރުކުރި މީހާ ކަމަށެވެ. އުމުރުން 34 އަހަރުގެ އެ މީހާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ރީ އިންޓަގްރޭޝަން ސެންޓަރުގައި30 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރުކޮށްފައިވެ އެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ހަނގުރާމަކުރުމަށް ފަހު ނުވަތަ ހަނގުރާމަ ހިނގާ ސަރަހައްދަކަށް ދިއުމަށް ފަހު އެނބުރި އަންނަ މީހުންނަކީ ޓެރަރިޒަމްގެ އަމަލެއްގައި ބަައިވެރިވި ބައެއްތޯ ނުވަތަ އެފަދަ ތަމްރީނެއް ލިބިފައިވާ ބައެއްތޯ ބެލުމަށް ވަގުތީ މަރުކަޒެއްގައި އެ މީހުން ބަންދު ކުރަން ޖެހޭނެ އެވެ.
ހޯމް މިނިސްޓްރީން ބުނީ ރީ އިންޓަގްރޭޝަން ސެންޓަރު ހަދައި އެތަނަށް މީހުން ގެންދަން ފެށުމަކީ ޓެރަރިޒަމްގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ފަހު ރާއްޖެ އަންނަ މީހުންގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރުމާ އެކު ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމުގެ މަސައްކަތުގައި ލިބުނު ކުރިއެރުމެއް ކަމަށެވެ.
ދިވެހިންގެ ތެރެއިން ދާހިލީ ހަނގުރާމައިގަ ބައިވެރިވުމަށް ދިޔަ ގިނަ މީހުން ދިޔައީ ސީރިއާ އަށެވެ. އޭގެ ތެރެއިން ބައެއް މީހުން ހަނގުރާމައިގަ މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ދިވެހި ސަރުކާރުން މީގެ ކުރިން ބުނެފައިވާގޮތުގައި ރާއްޖޭގެ އާބާދީ އާއި އަޅާ ބަލާއިރު ހަނގުރާމައިގަ ބައިވެރިވާން ދާ މީހުންގެ އަދަދު ގިނައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް