އައްޑުސިޓީ ގެ ގޭބިސީތަކަށް ލާފައިވާ ފެން މީޓަރުތަކުން ނަގަމުން އަންނަ މަހު ފީ ކަނޑާލުމުގެ ވާހަކައަކީ މިއަހަރު ފެށުނުތަނާހެން ފެންމަތިވި، އުފާވެރި ޚަބަރަކެވެ.
ލާފައިވާ ކޮންމެ ފެން މީޓަރަކަށް 30 ރުފިޔާގެ މަގުން ފައިސާ ނަގަމުން އަންނަ އިރު، އެ މީޓަރުތަކުން ފެން ބޭނުން ކުރިޔަސް އަދި ނުކުރިރަސް ރައްޔިތު މީހާ އެ ފައިސާ ދައްކަން ޖެހެ އެވެ. މިއީ އިންސާފަކަށް ނުވާތީ، ރައްޔިތުންގެ ކަންބޮޑުވުން ކައުންސިލާ ހަމައަށް ގެން ގޮސް އަދި ކައުންސިލުން ވެސް ވަނީ އެ ކަންބޮޑުވުން ކަމާއިބެހޭ ވުޒާރާއަށް ހިއްސާ ކޮށްފައެވެ.
ނަތީޖާއަކީ ގޭގެ އަށް ލާފައިވާ ފެން މީޓަރަށް ނަގަމުން އައި 30 ރުފިޔާ ކަނޑާލުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާނެ ކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވުމެވެ. އޭނާ މިކަން ހާމަ ކުރެއްވީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އެމްޑީ ވިދާޅުވެފައިވަނީ ފެން މީޓަރަށް ނަގަމުން އައި 30 ރުފިޔާ ކަނޑާލަން ފެނަކައިގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
އުފާވެރި ޚަބަރެކެވެ. ނަމަވެސް އަދިވެސް އެކަން މިވަނީ އަދު ނޫން މާދަމާ އަށް ނުވަތަ "ވާނުވާ" ގަ އެވެ. އެކަމަށް އަމަލީ ގޮތުން އަދި މިހާތަނަށް ބަދަލެއް އައިސްފައެއް ނުވެއެވެ.
މިކަމާއި ގުޅިގެން ސައީދު ވިދާޅުވީ ފެނަކަ ބޯޑުގެ އެ ނިންމުން މިހާރުވާނީ ފިނޭންސް މިނިސްޓްރީއަށް ހިއްސާ ކޮށްފައި ކަމަށެވެ. އަދި އެ ބޯޑުން ކުރަންޖެހޭ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށާއި އެކަން ކުރެވޭނީ އެ މިނިސްޓްރީން ގޮތެއް ނިންމުމުން ކަމަށެވެ.
"އެ ފައިސާ ކަނޑާލި ކަމެއް ނުވަތަ ކެނޑޭނެ ވަކި ދުވަހެއް އަންގާފައެއް ނުވޭ. އެހާ ހިސާބަށް ދިޔުމުން އެކަން ހިއްސާކުރާނަން" ސައީދު ވަނީ ވިދާޅުވެފަ އެވެ.
މިކަމާއި ގުޅިގެން އެސިޓީގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު، އައްޑޫ ސީޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ އެއްގޮތަކަށްވެސް ފެން ބޭނުން ނުކޮށް ހުންނަ ގެތަކުންވެސް ކޮންމެ މަހަކު 30 ރުފިޔާ ނަގަމުން އަންނަ ކަމަށެވެ.
"އެހެންވީމަ ރައްޔިތުންނަށް އިތުރު ދަތިތަކެއް ކުރިމަތިވޭ. ބައެއް ގެތަކުގެ ބިލު ތިންހާހުން މައްޗަށް އަރައިގެންދާ ފަހަރުތައްވެސް އާދޭ. ގެއެއްގެ ފާރު ބުޑުގައި ހުންނަ އިސްކުރަކަށް 30 ރުފިޔާ ނަގަން ޖެހޭ ކަމަށް ގަބޫލު ނުކުރެވޭ." ސޯބެ ވިދާޅުވި އެވެ.
ސޯބެ ވިދާޅުވީ ސަރުކާރު ކުންފުނިތަކުން އެފަދަ ޚިދުމަތްތައް ދޭއިރު އެކަމާ ބެހޭ ގޮތުން ކައުންސިލްތަކާ މަޝްވަރާކޮށް ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށެވެ.
ތެދު ވާހަކަ އެކެވެ. ލާ މަރުކަޒީ އުސޫލުން ކަންކަން ކުރަމުން އަންނަ އިރު، ރައްޔިތުންގެ ކަންބޮޑުވުންތައް އެންމެބޮޑަށް އަދި އެންމެއަވަހަށް ހިއްސާ ކުރެވެނީ އެރަށެއްގެ ނުވަތަ އެ އަތޮޅެއްގެ ކައުންސިލާ އެވެ.
އެހެންކަމަށްވާ އިރު، ކައުންސިލުތައް ބާރުވެރި ކުރުވާ، މިހާރަށް ވުރެ ބޮޑަށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރެވޭނޭ އިންތިޒާމު ހަމަޖައްސައިދީ، މަގު ފަހިކޮށްދޭން ޖެހެއެވެ.
ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮންނަންޖެހޭ ފުރިހަމަ އިތުބާރާއި ޔަގީންކަން ލިބޭނީ އޭރުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް