ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ފުލް މެރަތަން ދުވެފައިވާ ނަސްރު އަޙްމަދު (ނަސްރު) ނަސްރުގެ 60 ވަނަ އިންޓަރނޭޝަނަލް މެރަތަން ވެސް 4 ގަޑިއިރަށް ވުރެ އަވަހަށް ނިންމައިފި އެވެ.
"މޮސްކޯ ރަނިންގ ސީޒެޑްއޭއާރް މެރަތަން" ނަސްރު ދުވެފައިވަނީ 03:40:15 އިން ނެވެ.
ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވަމުން އަންނަ ރޭސްތައް މަޑުޖެހިފައި އޮތުމަށް ފަހު، ބައެއް ގައުމުތަކުގައި ދުވުންތައް ބާއްވަމުން ދިޔަ ނަމަވެސް، އަދިވެސް ގިނަ ރޭސްތައް ބާއްވަނީ ވަރޗުއަލް ކޮށްނެވެ.
އެގޮތުން މި ރޭސް ވެސް ނަސްރު ދުވެފައިވަނީ ވަރޗުއަލް ކޮށް ހުޅުމާލޭގަ އެވެ.
ރޭ 8 ޖެހި އިރު، ނަސްރު ދުވި މި ރޭހަކީ އޭނާ މިއަހަރު ދުވި 4 ވަނަ މެރަތަން އެވެ.
މި ރޭސް ސްޕޮންސަރ ކޮށްފައި ވަނީ ފިޒިއޯ ކްލިނިކުގެ ފަރާތުން ނެވެ. ފިޒިއޯ ކްލިނިކަކީ ކުޅިވަރުގައި ދިމާވާ ތަފާތު އެކި އަނިޔާތަކުގައި ފަރުވާދޭ ކްލިނިކެކެވެ.
މި ކްލިނިކުން ދޭ ޚިދުމަތްތަކުގެ ތެރޭގައި ސްޕޯޓްސް ރިހެބިލިޓޭޝަން، މެނުއަލް ތެރަޕީ، ސްޕޯޓްސް ސްޓްރެޗް، މެޓް ތެރަޕީ (ސްޕޯޓްސް އެންޑް އެތްލެޓިކްސް)، ސްޓްރޯކް ރިހެބިލިޓޭޝަން އަދި ޓޭޕިންގ ހިމެނެ އެވެ.
މި ދުވުމާ ގުޅޭގޮތުން ނަސްރު ބުނީ އެއްވެސް އަނިޔާއެއް ކުރިމަތި ނުވެ، 4 ގަޑިއިރަށް ވުރެ އަވަހަށް ރޭސް ނިންމާލެވުމުން އުފާވާ ކަމަށެވެ. އަދި މި ރޭސް ދުވުނީ އިތުރު މެރަތަން އެއް ވަރަށް އަވަހަށް އޮތުމާއެކު ވަރަށް ބަލައިގެން ކަމަށެވެ.
"ވަރަށް އުފާވޭ، 4 ގަޑި އިރަށް ވުރެ އަވަހަށް ނިންމާލެވުމުން. ޚާއްސަކޮށް އަނިޔާއެއް ނުވެ ނިންމާލެވުމަކީ ލިބޭ ވަރަށްބޮޑު ހިތްހަމަ ޖެހުމެއް. އަދި އަމުދުން ރާއްޖޭގައި މިހާ ގާތްގާތުގައި އިންޖަރީއެއް ނުވެ ދުވެވުމަކީ ވަރަށް އުފާވާ ކަމެއް." ނަސްރު ބުންޏެވެ.
އޭނާ ބުނީ އަންނަ އާދީއްތަ ދުވަހު އިތުރު މެރަތަން އެއް ދުވަން ޖެހޭތީ ރޭގެ މެރަތަން ދުވީ އެވަރަށް ވިސްނުމުގައި ބަހައްޓައިގެން ކަމަށެވެ.
ނަސްރު ބުނީ ފުރުޞަތު ލިބިއްޖެނަމަ، އޭނާގެ 60 ވަނަ އިންޓަރނޭޝަނަލް މެރަތަން ކިޓް އޭނާ ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙާއްމަދު ސާލިޙަށް ހަދިޔާ ކުރުމަށް ކަމަށެވެ.
ރޭގެ ދުވުމުގައިވެސް "ރޭސް ރޫޓު" ބަލަހައްޓައި، ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ނެވެ.
ރާއްޖޭގައި އެންމެގިނަ ފުލް މެރަތަން ޖެހުމުގެ ރެކޯޑް އޮންނަ ނަސްރުގެ އަމާޒަކީ އޭޝިއާ ބައްރުގައިވެސް މިފަދަ ރެކޯޑެއް ހެދުމެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޭޝިއާގައި އެންމެ ގިނަ މެރެތަން ޖެހުމުގެ ރެކޯޑް އޮތް ދުވުންތެރިޔާ ދުވެފައިވަނީ 100-150 އާ ދޭތެރޭގެ ޢަދަދަކަށް ކަމަށްވާ އިރު، އެ އަމާޒަށް ވާސިލުވުމަށް ނަސްރު ކުރަމުން އަންނަ އުއްމީދުތައް ހާސިލުވުމަކީ މާދުރުގައިވާ ކަމެއް ނޫނެވެ.
ނަސްރު މިހާތަނަށް ދުވެފައިވާ ގިނަ މެރަތަން 4 ގަޑި އިރަށްވުރެ އަވަހަށް ނިންމާފައިވާ އިރު، އޭނާއަކީ ރާއްޖެއިން ބޭރުގައި ބޭއްވި މެރަތަންއެއްގައި އެއްވަނަ ހޯދި ފުރަތަމަ ދިވެހި ދުވުންތެރިޔާގެ ޝަރަފް އޮންނަ ފަރާތްވެސް މެއެވެ.
އެގޮތުން ނަސްރު އެއްވަނަ ހޯދީ އިންޑިއާގެ ނިއުދިއްލީގައި އޮތް ހިންދުސްތާން މެރަތަންގައި 3 ގަޑި 29 މިނެޓުން ރޭސް ނިންމައިގެންނެވެ. އެ ދުވުމުގައި ނަސްރު ދުވުނީ ހޫނުމިން 35 ޑިގްރީ ސެލްސިއަސްގައެވެ.
ދިވެހި ގައުމީ ދިފާޢީ ބާރުގެ ސްޓާފް ސަރޖެންޓެއްގެ ބުރަ މަސްއޫލިއްޔަތު އަދާކުރަމުން، ކޮންމެ ދުވަހަކުވެސް ފަތިހާއި ހަވީރު ފަރިތަކުރުންތައް ބަރާބަރަށް ހަދަމުން ނަސްރު އެ އަންނަނީ ގައުމަށް ރީތި ނަމެއް ހޯދައިދިނުމަށެވެ.
ރާއްޖެއިން ބޭރުގައި ދުވިޔަސް، އަދި ވަރޗުއަލް ދުވުންތަކުގައި ދުވިޔަސް ނަސްރު ތަމްސީލު ކުރަނީ ދިވެހި ގައުމެވެ.
ނަސްރު ބުނީ އޭނާގެ ދުވުންތަކުގައި އެކި ފަރާތްތަކުން ވަމުންދާ އެހީތެރިކަމަށް ޝުކުރުއަދާ ކުރާ ކަމަށެވެ. ޚާއްސަކޮށް ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސް ދެއްވާ އެހީތެރިކަމަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް