ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އާއި ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގެންފި އެވެ.
މި އޮޕަރޭޝަން ހިންގީ ހުޅުމާލޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ރިޕޯޓަކާއި ގުޅިގެން ރޭ ގައި އެވެ. ފުލުހުން ބުނީ މި އޮޕަރޭޝަންގައި ދެ ފްލެޓެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
މީގެ ތެރެއިން އެއް ފްލެޓުން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންކަމަށް ބެލެވޭ އެއްޗެއް ހޭކިފަައިހުރި އަށް ރަބަރު ޕެކެޓާއި ހުސް ރަބަރު ޕެކެޓްތަކެއް ފެނިފައިވެއެވެ.
މި އޮޕަރޭޝަނުގައި ފަސް ކާރެއް ބަލައިފާސްކޮށްފައިވެ އެވެ. އޭގެ ތެރެއިން އެއް ކާރުން ގިނަ އަދަދެއްގެ ބަނގުރާލާއި މަސްތުވާތަކެތި ފެނިފައިވެއެވެ. 34 ދަޅު ބިޔަރާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 33 ފުޅިއާއި 58 ފުޅި ބަނގުރަލާއި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްކަމަށް ބެލެވޭ އެއްޗެއްހުރި 51 ސެލޯފިންކޮޅު ފެނިފައިވެއެވެ.
މި އޮޕަރޭޝަންގައި ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ 30 އަހަރުގެ ދެ ފިރިހެނުންނެވެ.
މި މައްސަލަ ހުޅުމާލޭ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް