ޓޫރިސްޓުންނަށް ރިސޯޓުން ގެސްޓު ހައުސްތަކާއި ސަފާރީތަކަށް ދެވޭގޮތް ހަދައިފި

ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުންނަށް ރިސޯޓުތަކާއި ގެސްޓު ހައުސްތައް ހުންނަ ރަށްރަށް އަދި ސަފާރީތަކަށް ދަތުރު ކުރުމުގެ ހުއްދަ ދީފި އެވެ. ކޯވިޑް-19 އާއި ގުޅިގެން މިގޮތަށް ދަތުރު ކުރުން ހެލްތް ޕްރޮޓ...

24 Oct 2020 | 05:54

ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުންނަށް ރިސޯޓުތަކާއި ގެސްޓު ހައުސްތައް ހުންނަ ރަށްރަށް އަދި ސަފާރީތަކަށް ދަތުރު ކުރުމުގެ ހުއްދަ ދީފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން މިގޮތަށް ދަތުރު ކުރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާ ކުރީ މިދިޔަ މާޗް މަހުގެ ތެރޭގައި އެވެ.  ޓޫރިޒަމް މިނިސްޓްރީން ބުނީ ޓޫރިސްޓުން ރާއްޖޭގެ ރަށްރަށާއި ތަންތަނަށް ދަތުރު ކުރުމުގައި އަޅާފައިވާ ފިޔަވަޅަށް އެޗްޕީއޭއިން ބައެއް ލުއިތައް ދޭން ނިންމާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އިއްޔެއިން ފެށިގެން ގެސްޓު ހައުސްތަކުގައި ތިބި ގެސްޓުންނަށް ރިސޯޓުތަކަށް އަދި ސަފާރީތަކަށް ދެވޭނެ ކަމަށެވެ. އަދި ރިސޯޓުތަކާއި ސަފާރީތަކުގައި ތިބި ޓޫރިސްޓުންނަށްވެސް އެ އެގޮތަށް އަމަލު ކުރެވޭނެ ކަމަށެވެ.

މިގޮތަށް ދަތުު ކުރުމުގައި ޓޫރިސްޓުން ގެންގުޅުމާއި އުޅުމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިނަށް އަމަލު ކުރަން ޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ. ކޯވިޑައި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ޖުލައި 15 ގައި ހުޅުވާލިފަހުން މިހާތަނަށް ހުއްދަ ދީފައި އޮތީ އެއް ރިސޯޓުން އަނެއް ރިސޯޓަށް ޓޫރިސްޓުން ޗުއްޓީ ހޭދަ ކުރުމަށް ދަތުރު ކުރުމުގެ ހުއްދަ އެވެ.

ބޯޑަރު ހުޅުވައި މިމަހުގެ 15 ގެ ނިޔަލަށް ޓޫރިސްޓުން އައުމުގެ ހުއްދަ ދީފައި އޮތީ ހަމައެކަނި ރިސޯޓުތަކަށެވެ. މި މަހުގެ 15 އިން ފެށިގެން އަތޮޅު ތެރޭގެ ގެސްޓު ހައުސްތަކަށް ޓޫރިސްޓުން ގެނައުމުގެ ހުއްދަ ވަނީ ދީފަ އެވެ.

އަދި އަންނަ މަހުގެ ތެރޭގައި މާލޭ ސިޓީގެ ގެސްޓު ހައުސްތަކަށް ޓޫރިސްޓުން ގެނައުމުގެ ހުއްދަ ދޭން ވަނީ ފަށާފައި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން ބޯޑަރު އަލުން ހުޅުވި ފަހުން މިހާތަނަށް ރާއްޖެއަށް 31،000 އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް