ރާއްޖޭގައި ކޯވިޑުން ރަނގަޅުވި މީހުންގެ ނިސްބަތް 91 ޕަސެންޓުގައި

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 91 ޕަސެންޓު މީހުން ރަނގަޅުވެއްޖެ އެވެ. އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި އިއްޔެގެ ނިޔަލަށް ރާއްޖެއިން ކޯވިޑް ޖެހިފައިވަނީ 11،391 މ...

24 Oct 2020 | 05:20

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 91 ޕަސެންޓު މީހުން ރަނގަޅުވެއްޖެ އެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި އިއްޔެގެ ނިޔަލަށް ރާއްޖެއިން ކޯވިޑް ޖެހިފައިވަނީ 11،391 މީހުންނަށެވެ.

އޭގެ ތެރެއިން 10،428 މީހުން ރަނގަޅުވެފައިވެ އެވެ. އެއީ ބަލި ޖެހުނު މީހުންގެ ތެރެއިން 91.4 ޕަސެންޓު މީހުންނެވެ.

ކޮންމެ ދުވަހަކު ކޯވިޑުން ރަނގަޅުވާ މީހުންގެ އަދަދު ގާތްގަނޑަކަށް 50 އަށް އަރަ އެވެ. އިއްޔެ ބަލިން ރަނގަޅުވެފައިވަނީ 45 މީހުންނެވެ.

ކޯވިޑް ޖެހޭ މީހުން ބަލިން ރަނގަޅުވި ކަމަށް ނިންމަނީ ޕޮސިޓިވްވާތާ 21 ދުވަހަށް ބެލުމަށް ފަހު އެވެ. ޕޮސިޓިވްވާ މީހުންގެ ތެރެއިން ބަލިން ރަނގަޅުވިތޯ ބަލަން މިހާރު ކޯވިޑަށް ޓެސްޓު ކުރަނީ އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރާ މީހުންގެ ތެރެއިން ޕޮސިޓިވްވާ މީހުންނެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުން އަންނަ މީހުންނާއި މާލެއިން އަތޮޅުތަކަށް ދާ މީހުންގެ އިތުރުން ރިސޯޓުތަކުން ރަށްރަށަށް ދާ މީހުން ކަރަންޓީން ފުރިހަމަ ކުރުމުން ކޯވިޑަށް ޓެސްޓު ކުރެ އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިވަގުތު ބައްޔަށް ފަރުވާ ދެމުން ދަނީ 919 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އޭޑްމިޓްކޮށްގެން 38 މީހަކަށް ފަރުވާ ދެމުން ދާއިރު އައސީޔޫގައި ފަރުވާ ދެމުން ދަނީ އެންމެ މީހަކަށެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގައި ޕޮސިޓިވް މީހުންގެ ތެރެއިން 329 މީހުން ތިބި އިރު އެންމެންގެ ހާލު ރަނގަޅު ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އާންމުކޮށް ކޯވިޑް-19 ގައި ހާލު ސީރިއަސްވެ ފުރާނައަށް ގެއްލުންވާ މީހުންނަކީ އުމުރުން ދުވަސް ވީ މީހުންނާއި ދިގު މުއްދަތަކަށް ބޭސް ފަރުވާ ކުރާ މީހުންނެވެ.

އެޗްޕީއޭއިން ބުނީ ރާއްޖެއިން ކޯވިޑް ޖެހޭ މީހުންގެ ބޮޑު ޕަސެންޓަކީ ދިފާއީ ނިޒާމު ވަރުގަދަ ޒުވާން އުމުރު ފުރާގެ މީހުން ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މަރުވެފައިވަނީ 37 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް