ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފަހުން ކުރި ޓެސްޓުންވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހޯމް އައިސޮލޭޝަންގައި ހުރި ނަމަވެސް، އަންނަ ބުދަ ދުވަހު ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގައި ކުޅެވުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ރޮނާލްޑޯ އެންމެ ފިރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ ޔުއެފާ ނޭޝަންސް ލީގުގެ ދެ މެޗެއްގައި ކުޅުމަށް ޕޯޗުގަލުގެ ގައުމީ ޓީމާއެކު އުޅެނިކޮށް މި މަހުގެ 13 ވަނަ ދުވަހުއެވެ.
އަދި ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވްވީ ފްރާންސްގައި އެ ގައުމާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅުމަށްފަހު އެނބުރި ޕޯޗުގަލަށް ދިޔަ ފަހުންނެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ރޮނާލްޑޯ އެންމެ ފުރަތަމަ އައިސޮލޭޓްވީ ޕޯޗުގަލުގައެވެ. ނަމަވެސް އޭގެ ދެ ދުވަސް ފަހުން އޭނާ ވަނީ އަމިއްލަ ޖެޓުގައި އިޓަލީއަށް ގޮސް އައިސޮލޭޓްވެފައެވެ.
ބުރާސްފަތި ދުވަހު ކުރި ޓެސްޓުން ރޮނާލްޑޯ ކޮވިޑް-19 އަށް އަދިވެސް ޕޮޒިޓިވް ކަމަށް ދައްކާފައިވުމާއެކު، މި ހަފުތާ ބަންދުގައި އިޓާލިއަން ލީގުގައި ވެރޯނާއާ ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ.
އެހެން ނަމަވެސް ފެށޭ ހަފްތާ ބުދަ ދުވަހު ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގައި ރޮނާލްޑޯއަށް ކުޅެވޭނެ ކަމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެއީ ކޮވިޑް-19 އާ ގުޅިގެން ޔުއެފާއިން ކަނޑައަޅާފައިވާ އުސޫލުތަކުގައިވާ ގޮތުން، މެޗު ފެށުމުގެ 24 ގަޑިއިރު ކުރިން ވައިރަހަށް ޓެސްޓުކޮށް ނެގެޓިވްވެއްޖެނަމަ އެ މެޗުގައި ކުޅެވޭނެތީއެވެ.
އެހެން ކަމުން ބާސެލޯނާ އާއި ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗުގެ 24 ގަޑިއިރު ކުރިން ހަދާ ކޮވިޑް ޓެސްޓު ނެގަޓިވް ބެއްޖެ ނަމަ އެ މެޗުގައި ރޮނާލްޑޯއަށް ކުޅެވޭނެއެވެ. މި ޓެސްޓުން ޕޮޒިޓިވް ވެއްޖެ ނަމަ ރޮނާލްޑޯ އަށް ޖެހޭނީ އަނެއްކާވެސަ އިތުރު އިންތިޒާރުތަކެއް ކުރާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް