ޒާހިދުގެ ގޯތި އެހެން ފަރާތަކަށް ދިނުން ހުއްޓުވަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް މުޙައްމަދު ޒާހިދަށް ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ލިބުނު ގޯތީގެ ރަޖިސްޓްރީ ބާޠިލުކުރި މައްސަލައާ ގުޅިގެން އެ ބިން ތިންވަނަ ފަރާތަކަށް ބަދަލުކުރުނ...

24 Sep 2026 | 09:19
މުހައްމަދު ޒާހިދު -- ފޮޓޯ: އީސީ

މުހައްމަދު ޒާހިދު -- ފޮޓޯ: އީސީ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް މުޙައްމަދު ޒާހިދަށް ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ލިބުނު ގޯތީގެ ރަޖިސްޓްރީ ބާޠިލުކުރި މައްސަލައާ ގުޅިގެން އެ ބިން ތިންވަނަ ފަރާތަކަށް ބަދަލުކުރުން މަނާކޮށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

ޒާހިދު ހައުސިން ވުޒާރާއާ ދެކޮޅަށް ދަޢުވާ ހުށަހެޅީ ޝަރުޢީ ކޯޓެއްގެ ނިންމުމަކާ ނުލައި ރަޖިސްޓްރީ ބާޠިލުކުރީ އެއްބަސްވުމާ ޚިލާފަށް ކަމަށް ބުނެއެވެ. އެ ވުޒާރާއިން ރަޖިސްޓްރީ ބާޠިލުކުރީ ޒާހިދު ވަށާފާރު ރޭނުމުގެ ހުއްދައަށް އެދުމުން މިހާރުގެ އުސޫލުން އަލުން ވެރިފިކޭޝަން ހެދިއިރު ގޯތި ލިބުމުގެ ޝަރުޠު ފުރިހަމަ ނުވާ ކަމަށް ފާހަގަވެގެން ކަމަށް އެނގިފައިވެއެވެ. އެ ދަޢުވާގައި ބުނެފައިވާ ގޮތުން ބާޠިލުކުރި ބިން އެހެން ބަޔަކަށް ވިއްކުމަށް ވުޒާރާއިން އިޢުލާނުކޮށްފައިވެއެވެ.

ދައުލަތުން ޝަރީޢަތުގައި ފާހަގަކޮށްފައިވަނީ ޒާހިދު ދޮގު މަޢުލޫމާތު ހުށަހެޅި ކަމަށް ދައުލަތުން ނުބުނާ ކަމަށެވެ. ނަމަވެސް ރަށްވެހިކަމާ ގުޅުން ހުރި މައުޟޫޢީ ޙަޤީޤަތެއްގެ ސަބަބުން ގޯތި ލިބުމުގެ އަސާސީ ޝަރުޠު ހަމަނުވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. މާލެއަށް އުފަން ފަރާތްތަކަށް ދޫކުރި ގޯތިތަކެއް ކަމަށް ވާއިރު ޒާހިދާއި އޭނާގެ މައިންބަފައިންނަކީ ވެސް އެ ޝަރުޠު ފުރިހަމަ ނުވާ ބައެއް ކަމަށާއި އެކަން އެނގޭ ޙާލަތުގައި އުސޫލާ ޚިލާފަށް ގޯތި ދީފައި އޮތް ކަމަށް ދައުލަތުން ބުނެއެވެ. އެހެންކަމުން އެ ބިމުގެ މައްޗަށް ޒާހިދަށް އެއްވެސް ޙައްޤެއް ނުވަތަ މިލްކުވެރިކަމެއް ނެތް ކަމަށް ވެސް ދައުލަތުން ބުނެފައިވެއެވެ.

ވަގުތީ އަމުރާ މެދު ގޮތެއް ކަނޑައަޅަމުން ސިވިލް ކޯޓުން ބުނީ ދަޢުވާގެ މައުޟޫޢު ބިނާވެފައި ވަނީ ގޯތި ލިބިފައި އޮތް އޮތުމާއި އެ ބިން ދިނުން ބާޠިލުކުރުމުގެ މައްޗަށް ކަމަށާއި ވަގުތީ އަމުރެއް ނެރެންޖެހޭ ޙާލަތެއް އޮތް ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. ސުޕްރީމް ކޯޓުގެ ޤަޟިއްޔާއަކާ ވެސް ހަވާލާދީ ކޯޓުން ނެރުނު މި ވަގުތީ އަމުރުގައި ވަނީ ކޯޓުން ގޮތެއް ނިންމެންދެން އެ ބިން ވިއްކުމާއި ދިނުމާއި އެ ނޫން ގޮތަކުން ވެސް ތިންވަނަ ފަރާތެއްގެ ޙައްޤެއް އުފެދިދާނެ ކަމެއް ނުކުރުމަށް ހައުސިން ވުޒާރާގެ މައްޗަށް އަންގައިފައެވެ.

ޒާހިދުގެ އަޞްލު ރަށަކީ ހއ. ހަތިފުށި ކަމަށް ވާއިރު އެ ރަށުގެ ރައްޔިތުން ފަހުން ވަނީ ހދ. ހަނިމާދުއަށް ބަދަލުކޮށްފައެވެ. ނަމަވެސް މިހާރު ޒާހިދުގެ ރަޖިސްޓްރީ އޮތީ މާލޭ ދަފްތަރުގައެވެ. މި ދަޢުވާގެ މައުޟޫޢީ ބައި ސިވިލް ކޯޓުގައި ކުރިއަށް ދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް