އެސްޓީއޯ މެދުވެރިކޮށް ބާޒާރަށް މިރުސް ނެރޭނީ ކަނޑޫދޫ ވިޔަފާރިވެރިންނަށް ގެއްލުން ނުވާގޮތަށް: ރައީސް

އެސްޓީއޯ މެދުވެރިކޮށް ބާޒާރުގައި ވިއްކުމަށް ނިންމި ކާބޯތަކެތީގެ ތެރޭގައި މިރުސް ހިމެނިފައިވީނަމަވެސް އެކަން ސަރުކާރުން ކުރަމުންގެންދާނީ ކަނޑޫދޫގެ ވިޔަފާރިވެރިންނަށް އެކަމުގެ އެއްވެސް ގެއްލުމެއް ނުވާގޮ...

24 Sep 2025 | 10:15
ރައީސް ކަނޑޫދޫގައި - ފޮޓޯ: ރައީސް އޮފީސް

ރައީސް ކަނޑޫދޫގައި - ފޮޓޯ: ރައީސް އޮފީސް

އެސްޓީއޯ މެދުވެރިކޮށް ބާޒާރުގައި ވިއްކުމަށް ނިންމި

ކާބޯތަކެތީގެ ތެރޭގައި މިރުސް ހިމެނިފައިވީނަމަވެސް އެކަން ސަރުކާރުން ކުރަމުންގެންދާނީ

ކަނޑޫދޫގެ ވިޔަފާރިވެރިންނަށް އެކަމުގެ އެއްވެސް ގެއްލުމެއް ނުވާގޮތަށް ކަމުގައި ރައީސް

ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން

ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ތ. ކަނޑޫދޫ ރައްޔިތުންނާ

މިއަދު ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ކަނޑޫދޫއަކީ ރާއްޖޭގެ ދަނދުވެރިކަމުގައި މިރުސް ހެއްދުމަށް

މުހިއްމު ރަށެއްކަންފާހަގަކުރައްވައި، އެމަނިކުފާނު ވަނީ ކަނޑޫދޫ ވިޔަފާރިވެރިން މިރުސްވިއްކާ

އަގުގައި ގަނެގެން، އެފައިދާ ރައްޔިތުންނަށް ލިބޭގޮތަށް އެސްޓީއޯއިން އެކަން ކުރިއަށް

ގެންދަވާނެކަމުގެ ޔަޤީންކަންދެއްވާފައެވެ. ރަށުގެ ދަނޑުވެރިންނަށް ލިބޭފައިދާ އިތުރުކޮށްދިނުމަށް

ބޭނުންފުޅުވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ޚަރަދުކުޑަގޮތެއްގައި ކަނޑޫދޫގައި

މިރުސްހެއްދުމަށް މިހާރުހުރި ދަތިތައް ކުޑަކޮށްދެއްވުމަށް ދަނޑުވެރިކަމާބެހޭ ވުޒާރާގެ

ޓީމެއް ކަނޑޫދޫއަށް ފޮނުވުމަށް ނިންމަވާފައިވާކަމަށެވެ.

ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކަށް އިޝާރާތްކުރައްވައި

ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާރު ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢު، ކުރުމުއްދަތެއްގެ

ތެރޭގައި ނިންމުމަށް ސަރުކާރުން މަސައްކަތް ރާވާފައިވާގޮތާއި، އެމަސައްކަތް ލަސްވަމުންދާ

ސަބަބު ސާފުކޮށްދެއްވާފައެވެ. އެމަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތާއެކު

ހަދާފައިވާ ކޮންޓްރެކްޓް އުވާލައްވައިގެން ނުވަތަ އެމް.ޑަބްލިޔު.އެސް.ސީ އާއި ޙަވާލުކުރައްވައިގެން

ކުރިއަށްގެންދެވުމާމެދު ސަރުކާރުން ވަރަށް އަވަހަށް ގޮތެއްނިންމަވާނެކަމަށް އެމަނުކުފާނު

ވިދާޅުވިއެވެ.

މީގެ އިތުރުން ރަށު ސްކޫލްގެ އުމުރާނީ މަސައްކަތާއި،

ހެލްތު ސެންޓަރުގެ މަސައްކަތް އަދި ކުޅިވަރު ކުޅޭދަނޑުތަކާއި ވަސީލަތްތައް ނިންމައި،

އިތުރަށް ފުރިހަމަކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ރައްޔިތުންނަށް ދެއްވިއެވެ.

ހުރިހާ ރަށެގައި އާރު.ޓީ.އެލް ފެރީގެ ޚިދުމަތް ފުރިހަމަކުރުމަށް

ކުރަމުންދާ މަސައްކަތުގެ ދަށުން ކަނޑޫދޫއަށް ލުއިފަސޭހަގޮތެއްގައި ދަތުރުކުރެވޭނެ ގޮތަކަށް،

މިރޭ އާރުޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފަށާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި، ކަނޑޫދޫ ބަނދަރުގައި ވަކި ޖެޓީއެއް

ގާއިމުކުރުމުގެ މަޝްރޫޢާއި، ބިންހިއްކުމުގެ މަޝްރޫޢުގެ އިތުރުން ރަށުގެ މަގުހެދުމުގެ

މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް