ހާދިސާތަކަށް އެންމެ ފުރަތަމަ އިޖާބަދޭނީ ޑްރޯން މެދުވެރިކޮށް

އަންނަ އަހަރު ޑްރޯން މެދުވެރިކޮށް ހާދިސާތަކަށް އެންމެ ފުރަތަމަ އިޖާބަދިނުމުގެ ޚިދުމަތް ތަޢާރަފްކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއ...

29 Jun 2026 | 06:24
ހޯމް މިނިސްޓަރު އަލީ އިހުސާން -- ފޮޓޯ: ޕޮލިސް

ހޯމް މިނިސްޓަރު އަލީ އިހުސާން -- ފޮޓޯ: ޕޮލިސް

އަންނަ އަހަރު ޑްރޯން މެދުވެރިކޮށް ހާދިސާތަކަށް އެންމެ ފުރަތަމަ އިޖާބަދިނުމުގެ ޚިދުމަތް ތަޢާރަފްކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ މި ޚިދުމަތް ފެށުމުން ފުލުހުންނަށް ހާދިސާއެއް ރިޕޯޓުކުރުމާއެކު އެ ސަރަހައްދަކަށް ޑްރޯން ފޮނުވައި ވީޑިއޯގެ ޒަރީއާއިން ތަނުގެ ހާލަތު ވަގުތުން ކޮމާންޑް ސެންޓަރަށާއި ހާދިސާއަށް އިޖާބަދޭ އޮފިސަރުންނަށް އެންގޭނެ ކަމަށެވެ. އެއްގަމު ޓްރެފިކާއި ކަނޑު ހުރަސްކުރަންޖެހޭ ހާލަތްތަކުގައި ފުލުހުން އެ ތަނަކަށް ދިއުން ލަސްވިޔަސް ޑްރޯންގެ އެހީގައި ވަގުތުން ހާލަތު ދެނެގަނެވި މިހާރަށްވުރެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ފުލުހުންގެ 911 އިމަރޖެންސީ ރެސްޕޮންސް ސެންޓަރުގެ ޤާބިލުކަން އިތުރުކުރުމަށް ނެކްސްޓް ޖެނެރޭޝަން ކޯލް ހޭންޑްލިން އިކުއިޕްމެންޓް ހޯދުމާއި އެހީއަށް ގުޅާ ފަރާތުގެ ލޮކޭޝަން ވަގުތުން ދެނެގަނެވޭ ގޮތް ހެދުމާއި ފުލުހުންގެ ކެމެރާ ފީޑްތައް ވަގުތުން ފެންނަ ގޮތަށް ސިސްޓަމް އަޕްގްރޭޑްކުރުމަށް ނިންމާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"މިއާއެކު ފުލުހުންގެ މަސައްކަތުގައި ބޭނުންކުރާ ޓެކްނޮލޮޖީ ހޮސްޓުކުރުމަށް އެއްމެ ޒަމާނީ ޑޭޓަރ ސެންޓަރެއް އުޅުމުގެ އަމަލީ މަސައްކަތް މިހާރުވަނީ ފެށިފައި. މާތްﷲގެ އިރާދަފުޅާއިއެކު މިކަންކަން ނިމިގެންއަނައިރު ދިވެހި ފުލުހުން ރައްޔިތުންނަށް ދެއްވަމުންގެންދަވާ ޚިދުމަތް އެތައްގުނައަކަށް ފުރިހަމަވާނެ." ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ޒަމާނީ ޓެކްނޮލޮޖީ ހޯދައިދިނުމާއި އިންސާނީ އަދި އުމްރާނީ ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް