ރައީސް މުޢިއްޒު މިދިޔަ އަހަރުގެ މާރިޗްގައި ނޭޝަނަލް ތެލަސީމިއާ ސެންޓަރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
ބައިނަލްއަޤުވާމީ ތެލެސީމިއާ ދުވަހާ ގުޅިގެން އިންސާނިއްޔަތުކަމާއި އޯގާތެރިކަން އިސްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވައިލައްވައިފިއެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތެލެސީމިއާ ތަޙައްމަލުކުރާ ކޮންމެ ދިވެއްސަކީ "އަޅުގަނޑުމެންގެ ދަރީން، އަޅުގަނޑުމެންގެ ޢާއިލީ މެންބަރުން" ކަމަށެވެ. އަދި އެ ޢާއިލާތަކަށް ބޭނުންވާ ޞިއްޙީ އަދި އިޖްތިމާޢީ ރައްކާތެރިކަމާއި ފުރުޞަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާ އަދި މަސްއޫލިއްޔަތެއް ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތެލެސީމިއާ ދުވަސް ހަނދާންކޮށްދެނީ ކޮންމެ ދިވެހި ދަރިއަކާއި ޢާއިލާއަކަށް މެ މުޖްތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުން ދީ، ބަދަހި ޤައުމެއް ބިނާކުރުމަށް ކަމަށެވެ.
ތެލެސީމިއާ އަކީ ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ޞިއްޙީ ގޮންޖެހުމެވެ. މޯލްޑިވިއަން ބްލަޑް ސާވިސަސް ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ އާބާދީގެ 16 އިންސައްތައަކީ ބީޓާ ތެލެސީމިއާ ކެރިއަރުންނެވެ. މިއީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ މަތީ ޢަދަދުތަކުގެ ތެރޭގައި ހިމެނޭ ނިސްބަތެކެވެ. ޚާއްޞަކޮށް ހދ.، ށ.، ނ.، ޅ. އަދި ލ. އަތޮޅުގައި ކެރިއަރުންގެ ނިސްބަތް 17 އިން 24 އިންސައްތައާ ދެމެދުގައި ހުރި ކަމަށް ދިރާސާތަކުން ދައްކައެވެ.
ސަރުކާރުން ވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާ ގުޅިގެން ތެލެސީމިއާ ކޮންޓްރޯލް ކުރުމާއި ފަރުވާގެ 10 އަހަރުގެ މާސްޓަ ޕްލޭނެއް އިފްތިތާޙު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް