ރައީސް ތ. ވިލުފުށީގައި - ފޮޓޯ: ރައީސް އޮފީސް
މިއަދުން ފެށިގެން 30 މަސްދުވަސް ތެރޭ ވިލުފުށީ އެއަރޕޯޓުގެ
މަސައްކަތް ނިމޭނޭ ކަމަށާއި 18 މަސްދުވަސްތެރޭ ހޮސްޕިޓަލުގެ މަސައްކަތް ނިމޭނޭ ކަމަށް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން
ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ތ. ވިލުފުށީ ރައްޔިތުންނާ
ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައްޔިތުން ބޭނުންވާ ތަނުގައި އެއަރޕޯޓު ތަރައްޤީކުރުމަށް
ބިންހިއްކުމުގެ މަސައްކަތް މިއަދު ރަސްމީގޮތުން ފައްޓަވައި، ގިނަވެގެން 30 މަސްދުވަސްތެރޭ،
1800 މީޓަރުގެ ރަންވޭއަކާ އެކު އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ނިންމަވާނޭކަމަށް
އެމަނިކުފާނު ވިދާޅުވިއެވެ. ވިލުފުށީ ހޮސްޕިޓަލުގެ މަސައްކަތްވެސް މިއަދު ޢަމަލީ ގޮތުން
ފައްޓަވައި، ގިނަވެގެން އަށާރަ މަސްދުވަސް ތެރޭ، ފުރިހަމަ، ޒަމާނީ ހޮސްޕިޓަލެއްގެ ގޮތުގައި
އެތަން ރަށާ ހަވާލުކުރައްވާނޭކަމަށް ރޭގައި އެމަނިކުފާނު ވިދާޅުވިއެވެ.
ގެދޮރުވެރިކަމުގެ މައްސަލައަށް އިޝާރާތްކުރައްވަމުން،
ނިމިފައިހުރި ހައުސިންގ ޔުނިޓުތަކަށް ފެނާއި ކަރަންޓާއި ނަރުދަމާގެ އިންތިޒާމު ހަމަޖައްސަވައި،
ޙައްޤުވެރީން ކަނޑައެޅުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމަވާނޭކަމަށް އެމަނިކުފާނު
ވިދާޅުވިއެވެ. އަދި އަންނަ އަހަރު، ގޯތީގައި ގެ އެޅުމަށް ބޭނުންވާ ފަރާތްތަކަށް އެ
އިޚުތިޔާރު ލިބޭގޮތަށް، 100 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢެއް ކުރިއަށްގެންދެވުމަށް
ނިންމަވާފައިވާކަންވެސް އެމަނިކުފާނު އިޢުލާން ކުރެއްވިއެވެ.
ސުނާމީ ކާރިސާއަށް ފަހު ހައްލު ނުވެ ދިގުލައިގެންގޮސްފައިވާ،
ގެ އާއި ކޮޓަރި ލިބެންޖެހޭ މައްސަލަ، ފައިސާގެ ބަދަލު ދެއްވައިގެން ނަމަވެސް ޙައްލުކުރެއްވުމަށް
ސަރުކާރުން ތައްޔާރުކަމަށް ވިދާޅުވެ، ރައްޔިތުން އެދޭގޮތަކަށް އެކަން ތަންފީޒުކޮށްދެއްވާނޭކަމަށް
އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މާދަމާ ބޭންކް އޮފް މޯލްޑިވްސް ގެ އޭ.ޓީ.އެމް
ޚިދުމަތް ފައްޓަވައިދެއްވައި، ބޭންކް އޮފް މޯލްޑިވްސް ވިލުފުށީ ބްރާންޗްގެ ބިންގާވެސް
އަޅުއްވާނޭކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި އަންނަ އަހަރުގެ މާރިޗު މަހު،
އެ ބްރާންޗުގެ ޚިދުމަތް ލިބޭނޭ ކަމަށް އެމަނިކުފާނު އަންދާޒާކުރެއްވިއެވެ.
އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން، ދިވެހިރާއްޖޭގެ
ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސްއެއް އެ ރަށުގައި ޤާއިމުކުރެއްވުމުގެ މަސައްކަތާއި، ރަށުގެ
ބަނދަރު ފުންކޮށް، ފުޅާކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނޭކަމަށް އެމަނިކުފާނު
ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ރަށުގެ މިސްކިތް އިސްލާމީ މަރުކަޒަކަށް ބަދަލުކުރައްވާނޭކަމަށްވެސް
އެމަނިކުފާނު ވިދާޅުވިއެވެ.
މިރޭ ސޮއިކުރެއްވި މަގުހެދުމުގެ މަޝްރޫޢު ކުރިއަށްގެންދަވާނީ،
ރިންގް ރޯޑުވެސް ހިމެނޭ ގޮތަށް ކަމަށާއި، މިރޭ ސޮއިކުރެއްވި ފުޓުބޯޅަ ދަނޑު ތަރައްޤިކުރުމުގެ
މަޝްރޫޢުގެ އިތުރުން، ފުޓްސަލް އަދި ހޭންޑްބޯލް ކުޅެވޭ ކޯޓެއްގެ މަސައްކަތް މި އަހަރު
ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތިން މަސް ދުވަހުގެ
ތެރޭގައި ސްޕޯޓްސް ފިޝިންއަށް ބޭނުންވާ ކަނދުފައްޗެއް އަޅުއްވައިދެއްވާނޭކަމަށް އެމަނިކުފާނު
ވިދާޅުވިއެވެ.
ޢުމްރާނީ ގިނަ މަޝްރޫޢުތަކެއް ރޭވިފައިވާ މި ރަށުގައި
ޕަބްލިކް ވަރކްސް ޔުނިޓެއްވެސް ޤާއިމުކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވަނީ ވިލުފުށީގައި ޕާސްޕޯޓު ދޫކުރުމުގެ
ޚިދުމަތްވެސް ރަސްމީގޮތުން ފައްޓަވައިދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް