ގދ. ހޯނޑެއްދޫއިން އިތުރު މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެ ޖުމްލަ އަދަދު 45 އަށް އަރައިފި އެވެ.
ހޯނޑެއްދޫ އަކީ މާލެ ފިޔަވައި ރާއްޖެއިން އެންމެ ގިނަ މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވާ ރަށެވެ. އެ ރަށުން ފުރަތަމަ ކޯވިޑަށް ޕޮސިޓިވްވީ ހޯމް ކަރަންޓީން ފުރިހަމަ ކުރި ދެ މީހުންނެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާޓިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިމަހުގެ 22 ވަނަ ދުވަހު ސާމްޕަލް ނެގި އިތުރު މީހަކު އެ ރަށުން މިއަދު ޕޮސިޓިވްވެފައިވާ ކަމަށެވެ. އެ ރަށުން އެންމެން ފަހުން މީހަކު ޕޮސިޓިވްވީ މިމަހުގެ 19 ވަނަ ދުވަހު އެވެ.
ޑރ. ނަޒްލާ ވިދާޅުވީ ޕޮސިޓިވްވެފައިވަނީ އެ ރަށުން ޕޮސިޓިވްވި މީހަކާއި ކޮންޓެކްޓުވެގެން ކަރަންޓީން ކުރި މީހެއް ކަމަށެވެ. އެ މީހާ ޕޮސިޓިވް ކަން އެނގުނީ ކަރަންޓީންގެ 14 ދުވަސް ފުރިހަމަ ކުރުމުން ވައިރަހަށް ޓެސްޓު ކުރުމުން ކަމަށް ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވީ އިއްޔެ 11 ސާމްޕަލް އަދި މިއަދުވެސް އެ ރަށުން 11 ރެންޑަމް ސާމްޕަލް ނަގާފައިވާ ކަމަށެވެ. މީގެ އިތުރުންވެސް ރަށުން ބަލީގެ އަލާމާތްތައް ހުރި މީހުން ތިބިކަން ފާހަގަވެފައިވާތީ މާދަމާ އެ ހުރިހާ އެންމެންގެ ސާމްޕަލް ނަގާނެ ކަމަށެވެ.
އެ ރަށުން މިހާތަނަށް 45 މީހުން ޕޮސިޓިވްވެފައިވާއިރު މިވަގުތު އެ ރަށުގައި ބައްޔަށް ފަރުވާ ދެމުން ދަނީ 13 މީހުންނަށެވެ. އެ ރަށުން ޕޮސިޓިވްވި އިތުރު ދެ މީހަކަށް ފަރުވާ ދެމުން ދަނީ ގއ. ވިލިނގިލީ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި އެވެ.
މިވަގުތު ރާއްޖޭގައި ކޯވިޑް-19 އާއި ގުޅިގެން މޮނިޓަރިންގެ ހާލަތުގައި އޮތީ ހޯނޑެއްދޫ އެކަންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް