ޔޫއެފާ ސުޕަކަޕް ގައި ބަޔާން އަދި ސެވިއްޔާ ބައްދަލުކުރާ ފޯރިގަދަ މެޗު މިރޭ

ޔޫއެފާ ސުޕަކަޕް ފައިނަލް މެޗު މިރޭ ކުޅޭނެއެވެ. މިރޭ ދަންވަރު ކުޅުމަށް ހަމަޖެހިފައިވާ ޔޫއެފާ ސުޕަކަޕް މެޗުގައި ބައްދަލުކުރާނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުން ކަމުގައިވާ ޖަރުމަންގެ ބަޔާން މިޔުނި...

24 Sep 2020 | 15:57

ޔޫއެފާ ސުޕަކަޕް ފައިނަލް މެޗު މިރޭ ކުޅޭނެއެވެ.

މިރޭ ދަންވަރު ކުޅުމަށް ހަމަޖެހިފައިވާ ޔޫއެފާ ސުޕަކަޕް މެޗުގައި ބައްދަލުކުރާނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުން ކަމުގައިވާ ޖަރުމަންގެ ބަޔާން މިޔުނިކާއި ޔޫއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަނުން ކަމުގައިވާ ސްޕެއިންގެ ސެވިއްޔާއެވެ.

ބަޔާން މިޔުނިކް ޗެމްޕިއަންސް ލީގުގެ ތަށި ހޯދީ ފައިނަލުގައި ފްރާންސްގެ ޕީއެސްޖީ ބަލިކުރުމަށް ފަހުގައެވެ. އަދި ސެވިއްޔާ ޔޫރޮޕާ ލީގުގެ ތަށި ހޯދީ ފައިނަލުގައި އިޓަލީގެ އިންޓަމިލާން ބަލިކުރުމަށް ފަހުގައެވެ.

މިރޭގެ މެޗަށް ނިކުންނަ ބަޔާން އަދި ސެވިއްޔާގެ ޔޫއެފާ ރޭންކިންގް އަށް ބަލާއިރު ބަޔާން މިވަގުތު އޮތީ ޔޫއެފާ ރޭންކިންގެ އެއްވަނާގައެވެ. އަދި ސެވިއްޔާ އޮތީ ޔޫއެފާ ރޭންކިންގެ އަށް ވަނާގައެވެ.

މި ދެޓީމުގެ ސުޕަކަޕްގެ ތާރީޚަށް ބަލާއިރު، ކޮންމެ ޓީމަކަށް ވެސް މީގެ ކުރިން ސުޕަކަޕް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ފަހަރަކުއެވެ.

އެގޮތުން ބަޔާން ސުޕަކަޕް ކާމިޔާބު ކޮށްފައި ވަނީ 2013 ވަނަ އަހަރު ޗެލްސީ ބަލިކުރުމަށް ފަހުގައެވެ. އަދި ސެވިއްޔާ ސުޕަކަޕް ކާމިޔާބު ކޮށްފައިވަނީ 2005 ވަނަ އަހަރު ބާސެލޯނާ ބަލިކުރުމަށް ފަހުގައެވެ.

ބަޔާން އިން މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ޔޫއެފާ ސުޕަކަޕްގައި ވާދަކޮށްފައިވާއިރު، އޭގެތެރެއިން މޮޅެއް ހޯދުނީ އެންމެ ފަހަރަކުއެވެ. އަދި ސެވިއްޔާއިން މިހާތަނަށް ފަސް ފަހަރު ސުޕަކަޕްގައި ވާދަކޮށްފައިވާއިރު، މޮޅެއް ހޯދިފައިވަނީ އެންމެ ފަހަރަކުއެވެ.

މި ދެޓީމުގެ ބައްދަލުވުން ތަކަށް ބަލާއިރު، މިހާތަނަށް ޔޫއެފާ ސުޕަކަޕް ގައި މި ދެޓީމު ބައްދަލު ކޮށްފައެއް ނުވެއެވެ.

މިރޭގެ މެޗަކީ މި ދެޓީމު ޔޫއެފާ ސުޕަކަޕް ގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.

ޔޫއެފާ ސުޕަކަޕްގައި ބަޔާން އަދި ސެވިއްޔާ ވާދަކުރާ މި މެޗު ފަށާނީ މިރޭ ދަންބަރު ރާއްޖޭ ގަޑިން 12:00 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް