ޓެގު އެޅުވުމުގެ ޕްރޮޖެކްޓާއި ގުޅިގެން އުމަރު އޭސީސީއަށް ހާޒިރު ކޮށްފި

ކުށްވެރިންގެ ފައިގަ ޓެގް އެޅުވުމަށް ހިންގި ޓެގް ޕްރޮޖެކްޓާއި ގުޅޭގޮތުން ސުވާލު ކުރުމަށް އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރު ކޮށްފި އެވެ. އުމަރު ފޭސްބުކ...

24 Sep 2020 | 12:13

ކުށްވެރިންގެ ފައިގަ ޓެގް އެޅުވުމަށް ހިންގި ޓެގް ޕްރޮޖެކްޓާއި ގުޅޭގޮތުން ސުވާލު ކުރުމަށް އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރު ކޮށްފި އެވެ.

އުމަރު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ އޭނާ އޭސީސީއަށް ހާޒިރު ކުރީ އިއްޔެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ޕްރޮޖެކްޓުގެ ކޮންޓްރެކްޓް ރާއްޖޭގެ އަމިއްލަ ކުންފުންޏަކާ ހަވާލު ކުރީ ހުޅުވާލެވިފައިވާ ބިޑެއްގައި އާންމުކޮށް އިއުލާން ކޮށްގެން އަދި އެންމެ ކުޑަ އަގު ހުށަހެޅި ފަރާތަށް ކަމަށެވެ.

އުމަރު ވިދާޅުވީ މި މަސައްކަތް ހަވާލުކުރި ކުންފުންޏަކީ އެއްވެސް ގޮތަކުން އޭނާގެ އަމިއްލަ މަސްލަހަތު އޮތް ކުންފުންޏެއް ނޫން ކަމަށެވެ.

އުމަރު ވިދާޅުވީ އޭނާ ހޯމް މިނިސްޓަރަކަށް ހުންނެވި އިރު ކުރި އެންމެ މުހިންމު އަދި އެންމެ ގިނަ ހުރަސްތަކާ ކުރިމަތިވި އެއް ކަމަކީ ކުށްވެރިންގެ ފައިގައި ޓެގް އެޅުވުމުގެ ޕްރޮޖެކްޓް ކަމަށެވެ. އަދި އެކަމަށް ހުރަސް އެޅުމަށް ޓަކައި ބާރު ގަދަ އެތައް ބަޔަކު ސިޔާސީ، ގާނޫނީ އަދި އިދާރީ ގޮތުން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެ ހުރަސްތައް 'ފޫއަޅުވާލުމަށް ފަހު' އެ ޕްރޮޖެކްޓް ކާމިޔާބު ކުރެވުނު ކަމަށެވެ.

އުމަރު ވިދާޅުވީ އެ ޕްރޮޖެކްޓަކީ ދައުލަތުގެ މާލިއްޔާއިން ވަރަށް ބޮޑު ހަރަދެއް ސަލާމަތް ކުރެވޭ ޕްރޮޖެކްޓެއް ކަމަށެވެ. އެކަމަކު އޭނާގެ ފަހުން ވަޑައިގެންނެވި އެއްވެސް ހޯމް މިނިސްޓަރަކަށް ކުށްވެރިންގެ ފައިގަ ޓެގް އަޅުވަން ނުކުރެނުނު ކަމަށެވެ.

އޭސީސީން އެ މައްސަލަ ބަލަން ފެށީ ހޯމް މިނިސްޓްރީގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި އެ ޕްރޮޖެކްޓާއި ގުޅޭގޮތުން ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކާއި ގުޅިގެންނެވެ. އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކުރީ މާލިއްޔަތު ގާނޫނާ ހިލާފަށް ކަމަށް ބެލެވޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް