ސްޓެލްކޯގެ ޚިދުމަތް ގުޅިފައިވަނީ އާންމު ރައްޔިތުންނާއި ވިޔަފާރި ގުޅުވައިދޭ ވަރަށް މުހިންމު ނާރެހަކަށް: މުޣުނީ

ސްޓެލްކޯގެ ޚިދުމަތް ގުޅިފައިވަނީ އާންމު ރައްޔިތުންނާއި ވިޔަފާރި ގުޅުވައިދޭ ވަރަށް މުހިންމު ނާރެހަކަށް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޢުނީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ވ. ތިނ...

24 Sep 2020 | 10:43

ސްޓެލްކޯގެ ޚިދުމަތް ގުޅިފައިވަނީ އާންމު ރައްޔިތުންނާއި ވިޔަފާރި ގުޅުވައިދޭ ވަރަށް މުހިންމު ނާރެހަކަށް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޢުނީ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ވ. ތިނަދޫގައި ސްޓެލްކޯއިން އަލަށް އެޅުމަށް ހަމަޖެހިފައިވާ އިންޖީނުގޭގެ ބިންގާ އެޅުމަށް އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.

މުޣުނީ ވިދާޅުވީ ތިނަދޫ އަކީ 2010 ވަނަ އަހަރު ރައްޔިތުންގެ އިންޖީނުގެތައް ސަރުކާރުން ހިންގަން ހަވާލުވާން ފެށުމާއެކު، ސްޓްލްކޯއިން ހަވާލުވި ފުރަތަމަ އިންޖީނުގެ ކަމަށެވެ. އަދި ސްޓެލްކޯއިން އެރަށާ ހަވާލުވި އިރު ހުރީ ވަރަށް ކުޑަ އެންމެ ޖަނަރޭޓަރެއް ނަމަވެސް އާ ޖަނަރޭޓަރުތައް ބަހައްޓައި މެދު ނުކެނޑި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފައިވާނެ ކަމަށެވެ.

"ތިނަދޫގެ އާބާދީ އާއި ރަށުގެ އިގްތިސާދު އެކަމަށް ބިނާވާ ލޯކަލް ޓުއަރިޒަމްގެ މަސައްކަތުގައި ސްޓެލްކޯގެ ދައުރު ބޮޑު. ރަށްރަށުގައި ދެމުންގެންދާ ޚިދުމަތްތައް ފުރިހަމަ ކުރުމަށް ޒަމާނީ ފެންވަރުގެ އިންޖީނުގެތައް ބިނާކޮށް، ވޯލްޓޭޖް ޑްރޮޕް ހައްލު ކުރުމާ ރައްޔިތުންނަށް އިންޖީނުގެ ދުމާއި އަޑުން ދިމާވާ ދަތިތައް ހައްލުކުރުމަށް އެތަކެއް މަސައްކަތެއް ސްޓެލްކޯއިން މިއަންނަނީ ކުރަމުން" މުޣުނީ ވިދާޅުވިއެވެ.

ސްޓެލްކޯ އިން ބުނީ ތިނަދޫގައި އަލަށް އަޅާ އިންޖީނުގެއަކީ އެރަށަށް ބޭނުންވާ ކަރަންޓުގެ ލޯޑް މަތިވަމުންދާ ވަރަކަށް އެކަމަށް ކޭޓަރ ކުރުމަށްޓަކައި 1 މެގަވޮޓްގެ 4 އިންޖީނު ބެހެއްޓޭވަރަށް ތަރައްގީ ކުރެވޭނެ އިންޖީނުގެއެއް ކަމަށެވެ.

އަންނަ އަހަރުގެ ކުރީކޮޅަށް މި އިންޖީނުގޭގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާ ކުރާ އިރު، ތިނަދޫގައި މިހާރު ކަރަންޓުގެ ޚިދުމަތްދެމުންގެންދާ އިންޖީނުގެ އާންމުން ދިރިއުޅޭ ހިސާބެއްގައި ހުރުމުން ތިނަދޫގެ ރައްޔިތުންނަށް އަންނަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން ނެވެ.

މި ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ވަނީ އެ އިންޖީނުގެ، މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އެޅުމަށް ސްޓެލްކޯއަށް ބިމެއް ހަމަޖައްސައިދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް