ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ، މިހާރު ހދ. ހިރިމަރަދޫ ފެނަކަ އިންޖީނުގޭގައި ސުޕަވައިޒަރެއްގެ މަގާމު އަދާކުރަމުން އަންނަ މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިންޓެލިޖެންސާއި ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
"މި މައްސަލައިގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެއް" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިއްޔެ ހަވީރު 16:35 ހާއިރު ހދ. ކުޅުދުއްފުށި ބަނދަރު ސަރަހައްދުން ކަމަށެވެ.
ހައްޔަރުކޮށްފައިވާ މީހާގެ އެއްވެސް އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެމީހާއަކީ ހިރިމަރަދޫ ފެނަކަ އިންޖީނުގޭ ސުޕަވައިޒަރެވެ. އަދި އޭނާ އަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލާފައިވާ ފަރާތެއްކަންވެސް އެނގިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް