ޒާރާގެ ފަން އިސްތަށިގަޑު ފެނުން ތެމިފައިވާއިރު، ބައިބަޔަށް ދިގު ހަރުފަތަކެއްހެން ޒާރާގެ ދޮން މޫނާ ކަނދުރާމަތީ ފެތުރިފައިވެއެވެ. ޒާރާގެ ރީތިކަމުގެ ޖާދޫގައި އިމްރާން ޖެހިއްޖެއެވެ. އެ ރީތި ހަށިގަނޑަށް ބަލަން ހުރެވުނީ އެވެ. ހިނދުކޮޅުގެ ނާޒުކުކަންވެސް އެވަގުތު ސިނކުޑިއަށް ނުވިސްނުނު ކަހަލައެވެ. ދޮރު ހުޅުވުނު އަޑާއެކު ޒާރާ އެނބުރިލިއެވެ. ފައި ކައްސާލިއެވެ. ހަށިގަނޑު ބެލެންސެއް ނުލުރެވުނެވެ. ކުއްލިއަކަށް ޒާރާ އަރިއަޅާލިއެވެ.
''ޒާރާ..............'' އިމްރާނަށް ބޭއިޚްތިޔާރުގައި ކުރިއަށް ޖެހިލެވުނެވެ. އެބާރުގަދަ ދެއަތުން ދިއްކޮށްލެވުނީ ވެއްޓެމުންދާ ޒާރާގެ ހަށިގަނޑުގެ ހިމާޔަތުގައެވެ. ޒާރާގެ ނާޒުކު ހަށިގަނޑު އެއްވެސް ބާރެއްނެތި އިމްރާންގެ އަތްދަނޑިމައްޗަށް ތިރިވިއެވެ. ހިދުކޮޅަކަށް ނަމަވެސް ޒާރާއަށް ވެސް އިމްރާންގެ އަތުގައި ހިފަހައްޓާލެވުނެވެ. އިމްރާންގެ މޫނަށް ބަލާލެވުނެވެ. އެ ހިނދުކޮޅަކީ އިމްރާންވެސް ޒާރާގެ މޫނަށް ބަލާލި ވަގުތުކޮޅެވެ. އިމްރާން ބަލަހައްޓައިގެންހުރީ ޒާރާގެ މޫނަށެވެ. އެރީތި ފުން ދެލޮލަށެވެ. ރުއިމުގެ ސަބަބުން ރަތްވެފައި ހުއްޓަސް އެ ދެލޯ ކިހާ ހިތްގައިމު ހެއްޔެވެ. ފެނުން ތެމި، އެސްފިޔަތައް ބޮނޑިވެފައި ހުރުމުން އަދި ވަކިން ރީތިކަމުގައި އިމްރާންއަށް ގަބޫލު ކުރެވުނެވެ.
ޒާރާއަށް އިމްރާންގެ ލޮލަށް ފުރަތަމަފަހަރަށް ބަލާލެވުނެވެ. އޭނާ އަވަސް އަވަހަށް އިމްރާންގެ އަތުތެރެއިން ވީއްލިގަތެވެ. ދޫކޮށްފައިވާ ފެންމާގަނޑުން ފައިބަމުންދާ ފެނުން އިމްރާން ލައިގެންހުރި ޓީޝާޓުގެ ބޮޑުބައިވެސް ވަނީ ތެމިފައެވެ.
''ޒާރާ ކިހިނެއްވީ ..... ޒާރާ ރޯންޖެހޭވަރު ކަމެއް އަހަރެން ނުކުރަން ގައިމުވެސް......ކުރެވިފަ އޮތިއްޔާ ސޮރީ....'' އިމްރާން އަދިވެސް ހުރީ ޒާރާއާ ނުހަނު ގާތުގައެވެ.
''އިމްރާނު ވެސް އަހަރެންނާ ދޭތެރޭ ކަންތައް ކުރީ ރަނގަޅަކަށްނޫން..... އަދި ދެންތިބި މީހުންވެސް.......'' ކުޑަކޮށް ހަމަޔަކަށްއެޅެމުންދިޔަ ޒާރާގެ ލޮލަށް ކަރުނަތައް އަލުން ގިނަވެގަތެވެ. ޖުމްލަ ނިންމާލި އިރު އަޑުގައި އެކުލެވިފައިވާ ތުރުތުރުގެ ސަބަބުން ޒާރާއަށް ކޮއްފައިވާ އަސަރު ކިތައްމެ ރަނގަޅަކަށްވެސް ވަޒަން ކުރެވޭހާވެއެވެ. މޫނުމަތިން ނަފުރަތުގެ އަސަރުތައް ފެނިގެންދިޔައީ މީގެ ކުޑަހިނދުކޮޅެއްގެ ކުރީގެ ހާދިސާ ސިނކުޑީގައި ވަކިހިއްޕާލާފައިވާތީއެވެ.
''އިމްރާން ނިކުމޭ......'' ޒާރާގެ އަޑުގައިވަނީ ނަފުރަތުކަމެއް ނުވަތަ ހިތްދަތިކަން ކަމެއް އިމްރާނަކަށް ނޭނގުނެވެ. ޒާރާ އެގޮތަށް ރޯންޖެހޭ ސަބަބެއް އޮޅުން ފިލުވަން އޭނާ ކިތަންމެ ބޭނުންވިޔަސް މިވަގުތު އެތަނުން ނުކުތުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި އިމްރާން ގަބޫލު ކުރިއެވެ.
ދެދުވަސް ފަހެވެ. ޒާރާ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިއްޖެ ކަމުގައި ފެނެއެވެ. އެހެންނަމަވެސް ގިނަވަގުތު ޒާރާ ހޭދަކުރަނީ ކޮޓަރިތެރޭގައެވެ. ޒާރާއާއި އިމްރާންގެ ދެމެދުގައި އޮތް ގުޅުމަކީ މީހުންގެ ލޯމައްޗަށް ދެމަފިރިންގެ ގުޅުން ކަމުގައި ވިޔަސް އެދެމެދުގައި އެއްވެސް ގުޅުމެއް ނެތޭވެސް ބުނެވިދާނެއެވެ. ކޮންމެހެން ބުނަންޖެހޭ އެއްޗެއް ފިޔަވާ އެއްވެސް ވާހަކައެއް ޒާރާ އެއްވެސް މީހަކާ ނުދައްކައެވެ. ސަރީފާ ގަބޫލުކުރާގޮތުގައި އަދި ޒާރާ އެގެއަށް ނުހޭނެނީއެވެ. އެކަމަށް ވަގުތު ނަގާނެއެވެ. އެހެންކަމުން ޒާރާ އެގޮތަށް އެކަނި އުޅުނަސް ސަރީފާ އެކަމާ މާބޮޑަށް އަޅައެއް ނުލައެވެ.
ސަރީފާގެ ދެމަފިރިންނާއެކު މެންދުރުގެ ކެއުމަށް އިންސާފުކުރުމުގައި ނާޒިމާވެސް ބައިވެރިވި ދުވަހެކެވެ. ވަރުގެ ކޮޅަށް ނަލަހެދިގެން ނާޒިމާ އެގެއަށް އައި މަގްސަދު ކިތަންމެ ރަނގަޅަކަށްވެސް ހާސިލްވެއްޖެއެވެ. ނާޒިމާގެ މަގުސަދަކަށްވީ ސަރީފާގެ ދެމަފިރިންގެ މޫނުމަތިން ނުރުހުމުގެ އެއްވެސް އަސަރެއްފެނޭތޯބެލުމެވެ. އެފަދަ އެއްވެސް އަސަރެއް ނުފެނުމުން އެގޭ އެއްވެސް މީހަކަށް އެދުވަހު ނާޒިމާ ދެއްކި ވާހަކަ އަޑުނީވޭކަން އޭނާއަށް ޔަގީނެވެ. އެކަން ޔަގީން ކުރަން ނާޒިމާއަށް މަޖުބޫރުވީ ބަދިގެ ތެރޭގައި ހުރި ހަދިޔާކޮތަޅަކީ ސަރީފާ ފޮނުވިއެއްޗެއްކަން އެނގޭތީއެވެ. އެ ބެހެއްޓި މީހެއް ނާޒިމާއަށް ޔަގީން ނުވިޔަސް، އެ ހިފައިގެން ދިޔަމީހާއަށް އެދުވަހު ހާމިދު ގާތުގައި ނާޒިމާ ދެއްކި އެއްވެސް ވާހަކައެއް ނީވޭކަން އޭނާއަށް ކަށަވަރެވެ. އެކަން ޔަގީން ވުމަށްފަހުގައި ނާޒިމާ ބޭނުންވީ ހިތްހަމަޖެހިގެން ކާލާށެވެ. ޒާރާ އެގެއިން ބަދަލުވިފަހުން މީރުކޮށް ކާލަން ލިބުނު ފުރަތަމަފަހަރުކަމުން ވަރަށް ގަޔާވެގެން ކާން ފެށިއެވެ.
''އެކުދިންގެ ހަނީމޫން ކަންތައް ކިހިނެއް އޮތީ......'' ނާޒިމާ ބޭނުންވީ ސަރީފާމެން އެކަމުގައި ވިސްނާފައި އޮތްގޮތެއް ބެލުމަށެވެ. އެފަދަ އެއްވެސް ވާހަކައެއް ދެކެވޭހެން ހީނުވާތީ ނާޒިމާ ހުރީ އެކަން ޔަގީންކޮށްލަން ބޭނުންވެފައިއެވެ.
''ޒާރާ ބޭނުމެއް ނުވި ދާކަށް..... އެއީ މާ ވިސްނޭކުއްޖެއް.......'' ސަރީފާ ހިނިތުންވެލިއެވެ.
''އެމަންޖެ ދާނެ....... އަހަރެން ވާހަކަދައްކަފާނަން....... ކޮންގައުމަކަށް ފޮނުވަން ތިއުޅެނީ.........'' އެ ދަތުރު ހުއްޓުނަދޭކަށް ނާޒިމާ ބޭނުމެއް ނޫނެވެ.
''ތުރުކީގެ އިސްތަންބޯލަށް....... ބުކިންވެސް ހެއްދިފަހުން ޒާރާ ދާން ބޭނުން ނުވާކަން އިމްރާނުގެ ފަރާތުން އެނގުނީ..... އެހެންވެ ބުކިން ކެންސަލް ކޮށްފި މިހާރު ..... ދޯ ..'' އަލިބެ ޖޫސްތަށިން ކޯވަރެއް ބޯލަމުން ސަރީފާއަށް ދޯދިނެވެ.
''ޒާރާ ނުދަންޏާ އަހަރެން ފޮނުވިނަމަ......އިންޑިއާ ނޫންތަނެއް ފެނުމުގެ ނަސީބުވެސް އަދި ލިބުނީކީ ނޫންވިއްޔާ...... '' މަޖަލަކަށް ކަމަށް ހަދާފައި ނާޒިމާ ފާޅުކުރީ އޭނާގެ ހިތުގެ އެދުމެވެ.
''ދާންވީނު ނާޒިމާ.... ހާމިދު ވެސް ނުލާހިކު ބަލިވެއެއްނު އުޅެނީ..... ދެމަފިރިން ލަންކާއަށް ޖައްސާލަންވީނު......'' އަލިބެ ހިޔާލެއް ދިނެވެ.
''ހާމިދު އެހާބޭނުމެއް ނޫން ރާއްޖެއިން ބޭރަށް ދާކަށް........ މިހާރު ކިތަންމެ ދުވަހެއް އާދޭސްކުރާތާ.... އެކަމަކު ހަމަ އެއްގޮތަކަށްވެސް އެއްބަހެއްނުވި....... ދެން ދެބަސްވާން ޖެހިދާނެތީ މަމިހުންނަނީ އަނގައިން ނުބުނެ......'' ނާޒިމާ ދައްކާ ވާހައިން އޭނާގެ ހަގީގަތް އެއްވެސް މީހަކަށް އިހްސާސްކޮށްލަން ވެސް އެނގޭނީ ކިހިނެއް ހެއްޔެވެ. އެހާވެސް ވާހަކަ އޮމާންވެފައި އަޑުއަހާލަން ފަސޭހައެވެ. އެކިގޮތްގޮތުން ވާހަކަ ދެއްކެމުން ގޮސް އެންމެފަހުން ނާޒިމާ ބޭނުންގޮތަށް ނިމިއްޖެއެވެ. ސަރީފާމެންގެ ވިޔަފާރި ދަތުރުގައި ބެންކޮކަށް ދާއިރު ނާޒިމާވެސް އެމީހުނާއެކު ދާގޮތަށެވެ.
ޒާރާ ތައްޔާރުވަމުން ދިޔައީ ޑިއުޓީއަށް ދާށެވެ. ކައިވެނި ކުރަންވެގެން ޗުއްޓީ ނެގީ މަންމަމެން ކިޔާވަރުން އެހެންގޮތެއް ނެތިގެންނެވެ. އެހެންނަމަވެސް ގޭގައި ހުންނަން ޒާރާ ފޫހިވާތީ ޑިއުޓީއަށް ނިކުންނަން ނިންމީ ކައިވެނި ކުރިތާ ހަފުތާއެއްވެސް ނުވަނީހެވެ. ވާނީވެސް އެހެންނެވެ. ކައިވެނީގައި ޒާރާއަށް ލިބޭ އެއްވެސް އުފަލެއް ނެތެވެ. ކޮއްޓެއްގެ ތެރޭގައި ބަންދުވެފައި އިން ދޫންޏެކޭ ޒާރާއެކޭ ތަފާތެއް ނެތެވެ. ޒާރާ އެންމެ ހިތްހަމަޖެހުނީ އިމްރާން މަންމަ އެކަމަށް މަރުހަބާ ކިޔުމުންނެވެ. އިމްރާން ގެ މަންމަގެ ހެޔޮކަމާ އޯގާތެރިކަން ހާމަވެ، އެކަން އިހްސާސްކުރެވޭ ކޮންމެ ފަހަރަކު އޭނާގެ މަންމަގެ މަގާމުގައި ހުރި ނާޒިމާދެކެ ނަފުރަތު ކުރެވެއެވެ. އެދުވަހު ގެއިން އައިފަހުން ބައްޕަ ގުޅިޔަސް ޒާރާ ޒާރާ މާގިނަ ވާހަކައެއް ނުދައްކައެވެ. ބަލަނީ އަވަސްގޮތަކުން ފޯނު ބޭއްވޭތޯއެވެ.
ޒާރާ ތައްޔާރުވެލައިގެން ނުކުތްއިރު ސިޓިން ރޫމުގައި ނާޒިމާއިންތަން ފެނުމުން ހިތާހިތުން އޭނާއަށް ނަފުރަތު ކުރެވުނެވެ. އަވަސްއަރުވާލާފައި ކަމަށް ހަދާފައި ނާޒިމާގެ މޫނަށް ބެލުމެއްނެތި ޒާރާ ނިކުތީ ބޭރަށެވެ. ފަހަތުން ސަރީފާ ނިކުތެވެ. އޭރު އިމްރާން ޒާރާގެ އިންތިޒާރުގައި އިނެވެ. ސަރީފާ ޒާރާގެ ގާތަށް ހުއްޓި ލޯބިން ބަލާލިއެވެ. އެ ދެލޮލުން ޒާރާއަށް ފެނުނީ ހަގީގީ ލޯބި ކަމުގައި އެވަގުތު އިހްސާސް ކުރެވުނެވެ. ސަރީފާއަށްޓަކައި ޒާރާގެ ހިތުގައި މަގާމެއް ދެވުނެވެ. އެއީ ކިހާރަނގަޅު މަންމަ އެއް ހެއްޔެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް