ޑި މާރިއާ ހަތަރު މެޗުގެ ސަސްޕެންޑް ކޮށްފި

ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް އެންހެލް ޑިމާރިއާ ހަތަރު މެޗަށް ސަސްޕެންޑް ކޮށްފިއެވެ. ޑިމާރިއާ ސަސްޕެންޑް ކުރީ މިމަހުގެ 14 ވަނަ ދުވަހު ފްރެންޗް ލީގުގައި މާސޭއާ ދެކޮޅަށް ޕީއެސްޖީ ކުޅު...

24 Sep 2020 | 06:03

ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް އެންހެލް ޑިމާރިއާ ހަތަރު މެޗަށް ސަސްޕެންޑް ކޮށްފިއެވެ.

ޑިމާރިއާ ސަސްޕެންޑް ކުރީ މިމަހުގެ 14 ވަނަ ދުވަހު ފްރެންޗް ލީގުގައި މާސޭއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައި މާސޭގެ ޑިފެންޑަރު އަލްވާރޯ ގޮންޒާލޭޒްގެ ގަޔަށް ކުޅު ޖެހި މައްސަލައިގައެވެ.

ލީގުގައި ޕީއެސްޖީ މާސޭއާ ދެކޮޅަށް ކުޅުނު މި މެޗުގެ ފަހު ވަގުތު ހިނގައިދިޔަ ހަަމަނުޖެހުންތަކުގެ ސަބަބުން 14 ރީނދޫ ކާޑަކާއި ފަސް ރަތް ކާޑު ދައްކާފައިވެއެވެ. އެ މެޗުގައި ރަތް ކާޑު ދައްކާފައިވާ ކުޅޫންތެރިންގެ ތެރޭގައި ޕީއެސްޖީގެ ނޭމާ އާއި، ލެއަންޑްރޯ ޕަރެޑެސް އާއި ލަވިން ކުރްޒާވާ އާއި މާސޭގެ ޑާރިއޯ ބެނެޑޭޓޯ އާއި، ޖޯޑަން އަމާވީ ހިމެނެއެވެ.

ގޮންޒާލޭޒްގެ ގަޔަށް ކުޅު ޖެހި މައްސަލައާއި ގުޅިގެން ޑި މާރިއާ ހަތަރު މެޗަށް ސަސްޕެންޑް ކުރަން ނިންމާފައިވާއިރު، މި ސަސްޕެންޝަން ގުނަން ފަށާނީ މިމަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން ލީގުގައި އާދީއްތަ ދުވަހުގެރޭ ރެއިމްސްއާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައި ޑި މާރިއާއަށް ކުޅެވޭނެއެވެ. ނަމަވެސް ޖެހިގެން އަންނަ ހަތަރު މެޗުގައި ޑި މާރިއާއަށް ނުކުޅެވޭނެއެވެ.

ހަމަނުޖެހުން ބޮޑުވެ ތަޅާފޮޅުންތަކެއް ހިނގި މި މެޗުގައި ޕީއެސްޖީ ވަނީ މާސޭ އަތުން 0-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް