ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް ލެބޯޓްރީން 22 މުވައްޒަފުންގެ އެހީތެރިކަމާއެކު އެއްލައްކައަށް ވުރެ ގިނަ ޕީސީއާރް ޓެސްޓު ހަދައިފި އެވެ.
އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް ޕީސީއާރް ޓެސްޓުކުރަން އެ ހޮސްޕިޓަލުން ފަށާފައިވަނީ 29 ފެބްރުވަރީ ގައި ކަމަށެވެ. އަދި 7 މާރޗު ގައި ރާއްޖެއިން ކޮވިޑް19 ގެ ފުރަތަމަ ކޭސް ފެނުނު ހިސާބުން ފެށިގެން، އެ ހޮސްޕިޓަލުގެ ލެބޯރެޓަރީން 24 ގަޑިއިރު މެދުނުކެނޑި ކޮވިޑް ޕީސީއާރް ހެދުމުގެ މަސައްކަތް ފެށި ކަމަށެވެ.
އެ ހޮސްޕިޓަލުން އެންމެފުރަތަމަ އެ މަސައްކަތް ފެށީ އެންމެ 3 މުވައްޒަފުންނާ އެކުގައި ކަމަށާއި ނަމަވެސް ބަލި ޖެހޭ މީހުން އިތުރުވަމުންދާތީ ޓެސްޓިންގ ޓީމުގެ ޢަދަދު މިހާރު ވަނީ 22 އަށް އިތުރުކޮށްފައި ކަމަށްވެސް އެ ހޮސްޕިޓަލުގެ ބަޔާނުގައި ބުނެފައި ވެއެވެ.
އައިޖީއެމްއެޗްގައި ޕީސީއާރް ޓެސްޓުކުރަން ފެށިއިރު، ޓެސްޓިންގ ކެޕޭސިޓީ ކޮންމެ 24 ގަޑިއިރަކު 100 ޕީސީއާރު ޓެސްޓު ހެދުނުނަމަވެސް މިހާރު ކޮންމެ 24 ގަޑިއިރަކު 1500 ޓެސްޓު ހެދޭނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
"މިއީ ސާމްޕަލް އެކްސްޓްރެކްޓު ކުރުމުގައި ޒަމާނީ މެޝިންތަކާ ޕީސީއާރް މެޝިންތައް އަދި އިތުރު މުވައްޒަފުން ތަމްރީނު ކުރުމުގެ ނަތީޖާ" އައިޖީއެމްއެޗްގެ ބަޔާނުގައި ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް