ނެދަލެންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުކަމުގެ މަގާމަށް އެގައުމުގެ ކުރީގެ ކުޅުންތެރިޔާ ފްރޭންކް ޑި ބޮއާ ހަމަޖައްސައިފި އެވެ.
ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޑި ބޮއާ ހެޑް ކޯޗެއްގެ ގޮތުގައި ހަމަޖެއްސިއިރު، އެ މަގާމަށް އޭނާ ހަމަޖެއްސީ ކުރިން ނެދަލެންދްސްގެ ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ކުރިން އިރުޝާދު ދިން ރޮނާލްޑް ކޫމަން އެ މަގާމު ދޫކޮށްލުމުންނެވެ. ކޫމަން ވަނީ ނެދަލެންޑްސްގެ ގައުމީޓީމުގެ ކޯޗުކަން ދޫކޮށް ސްޕެއިންގެ ބާސެލޯނާގެ ކޯޗުކަމާ ހަވާލުވެފަ އެވެ.
ޑި ބޮއާ ނެދަލެންޑްސްގެ ހެޑް ކޯޗުގެ މަގާމާއި ހަވާލުވުމުގެ ކުރިން އޭނާ ކޯޗުކަން ކޮށްދެމުން ދިޔައީ އެމެރިކާ ލީގުގެ އެޓްލާންޓާ ޔުނައިޓެޑަށެވެ. އެ ކުލަބުގެ ކޯޗުކަމުގައި ދެ އަހަރު ހޭދަކޮށްފައިވެއެވެ. އެގޮތުން ޑި ބޮއާ ވަނީ އޭނާ އެންމެ ފަހުން ކޯޗުކޮށްދިން އެޓްލާންޓާ އާއި އެކު 2019 ވަނަ އަހަރުގެ ކެމްޕިއޮނިސް ކަޕާއި ހަމަ އެހަރަު ޔޫއެސް އޯޕެން ކަޕް ވެސް ކާމިޔާބު ކޮށްފައެވެ.
މިހާރު އުމުރުން 50 އަހަރުގެ ޑި ބޮއާ ވަނީ އޭނާގެ ކޯޗިން ކެރިއަރުގައި ޔޫރަޕުގެ ނަން މަޝަޙޫރު ބޮޑެތި ކުލަބުތަކަށް ކޯޗުކޮށްދީ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. އެގޮތުން ޑި ބޮއާ މީގެ ކުރިން ކޯޗުކަން ކޮށްދީފައިވާ ކުލަބުތަކުގެ ތެރޭގައި އިޓަލީގެ އިންޓަ މިލާނުގެ އިތުރުން އިނގިރޭސި ކްލަބް ކްރިސްޓަލް ޕެލަސްގެ އިތުރުން އަޔެކްސް ހިމެނެއެވެ. އޭނާ އެންމެ ފުރަތަމަ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އަޔެކްސްއާ އެކުގައެވެ. އަޔެކްސްއާއި އެކު ހޭދަކުރި 6 އަހަރު ދުވަސްތެރޭގައި ޑި ބޮއާ ވަނީ ނެދަލެންޑްސް ލީގް (އެރެޑެވިސް) ހަތަރު ފަހަރު އަދި ޖޯން ކްރައިފް ޝީލްޑްވެސް އަޔެކްސްއާއި އެކު ހޯދާފައެވެ.
ނެދަލެންޑްސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން ޑި ބޯ ވަނީ އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުގައި ގައުމީ ޓީމްއާއި އެކު ހަރަކާތްތެރިވެފައެވެ. އެގޮތުން ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް އަށް ދަތުރު ކުރި ނެދަލެންށްގެ ގައުމީ ޓީމުގެ އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރި ވެފައިވަނީ ޑި ބޮއާއެވެ.
ޑި ބޯއާ ކޯޗުކަމުގައި ނެދަލެންޑްސް ގައުމީ ޓީމް ކުޅޭ ފުރަތަމަ މެޗަކަށް ވެގެންދާނީ އަންނަ އޮކްޓޫބަރ މަހުގެ ހަތް ވަނަ ދުވަހު އަމިއްލަ ގައުމުގައި މެކްސިކޯއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗެވެ.
އެއަށްފަހު އަންނަ މަހުގެ 11 ގައި ކުޅޭ ޔޫއެފާ ނޭޝަންސް ލީގުގައި ބޮސްނިއާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން އަންނަ އޮކްޓޫބަރު 14 ވަނަ ދުވަހު އިޓަލީއާއި ދެކޮޅަށް ކުޅޭ މެޗު ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް