މިނިސްޓްރީ އޮފް ހެލްތާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ރާއްޖޭގައި ނޭޝަނަލް އެމްބިއުލާންސް ސަރވިސްގެ ޚިދުމަތް ފެށުމަށް ވަމުންދާ ތައްޔާރީތަކުގެ ދަށުން މުވައްޒަފުން ތަމްރީނުކުރުމުގެ އެއްދުވަހުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މިއޮގަސްޓް މަހުގެ 23 ވަނަ ދުވަހު ވިލިމާލޭ ޕޮލިސް ސްޓޭޝަންގައި ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި މަޢުލޫމާތު ފޯރުކޮށްދިނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ރެޑްކްރޮސެންޓާއި މޯލްޑިވްސް ނޭޝަނަލް ޑިފެސް ފޯސްގެ އިންސްޓްރަކްޓަރުންނެވެ.
އެގޮތުން މޯލްޑިވްސް ރެޑްކްރޮސެންޓުން ކުރިއަށް ގެންދިޔަ ސެޝަންތަކުގައި، ކުއްލި ނުރައްކަލުގެ ހާލަތުގައި އަވަސް ފަރުވާ ފޯރުކޮށްދިނުމާއި ބަލިމީހުން އުފުލުމާއި އެއްތަނުން އަނެއް ތަނަށް ބަލި މީހުން ގެންދިއުމާއި، އުސް އިމާރާތްތަކުން ބަލި މީހުން ސްޓްރެޗަރގައި ބޭލުންފަދަ ކަންކަމަށް ތަމްރީން ކުރުމުގެ އިތުރުން މީހުންނަށް ފުރަތަމަ އެހީ ފޯރުކޮށްދޭނެ ގޮތުގެ އަމަލީ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން ކުރިއަށް ގެންދިޔަ ސެޝަންތަކުގެ ތެރޭގައި ބަލި މީހުންނާއި މުއާމަލާތުކުރާނެ ރަނގަޅު ގޮތްތައް ބުނެދިނުމާއި، ކުއްލި ހާލަތުގައި އަމަލުކުރާނެ އުސޫލުތަކާއި، އެފަދަ ހާލަތްތަކުގައި އަންނަ ކޯލްތަކަށް ވީ އެންމެ އަވަހަކަށް ޖަވާބުދާރީވާނެ ގޮތްތަކާ ބެހޭގޮތުންވެސް މައުލޫމާތުދީފައިވާކަމަށާއި އަދި ޓްރެފިކް މެނޭޖްކުރުމާއި، އެމްބިއުލާންސް ދަތުރުކުރާ ވަގުތުތަކުގައި އެހެނިހެން އުޅަނދުތައް އެންބިއުލާންސަށް ތަންދެއްކުމާއި ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން މަގުބަންދުކުރަން ޖެހިއްޖެ ހާލަތުގައި އަމަލު ކުރާނެ ގޮތުގެ މަޢުލޫމާތާއި މީގެ އިތުރުން އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެގޮތުގެ މައުލޫމާތުދީ އެކަމުގެ ތަމްރީނުތައްވެސް ކުރިއަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.
މިތަމްރީނު ޕްރޮގްރާމުގައި ޖުމްލަ 40 މީހުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ނޭޝަނަލް އެމްބިއުލާންސް ސަރވިސްގެ ޚިދުމަތަށް ރެކްރޫޓްކުރެވޭ މުވައްޒަފުންގެ އިތުރުން ރެޑްކްރޮސެންޓްގެ ވޮލަންޓިއަރުންވެސް މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައިވެއެވެ.
ކޯވިޑް 19 އިގެ ހާލަތާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ރާއްޖޭގައި ނޭޝަނަލް އެމްބިއުލާންސްގެ ޚިދުމަތް ފެށުމަށް ކުރަމުންދިޔަ މަސައްކަތްތައް މަޑުޖެހިފައި އޮތުމާ ގުޅިގެން އެޚިދުމަތް އަވަހަށް ފެށުމަށް ވާންޖެހޭ ތައްޔާރީތަކުގައި ފުލުހުން މިހާރު ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް