ލ. ގަމުން ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެފައިވާއިރު، އެ ރަށުގެ ރައްޔިތުން މާސްކު އެޅުމަށް އަދި ބައެއް އިތުރު ކަންކަމަށް ސަމާލުކަން ދިނުމަށް އެ ރަށުގެ ކައުންސިލުން އަންގައިފިއެވެ.
އެގޮތުން އެ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަހު ފަހެއްގައި އެ ރަށަށް ގޮސް، ރަށުގައި ހޯމް ކަރަންޓީނުގައި ހުރި ކުޑަކުއްޖަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާތީ ބައެއް ކަންތައްތަކަށް ސަމާލުކަންދީ އަމަލުކުރުމަށް އަންގާ ކަމަށެވެ.
އެގޮތުން ކޯވިޑް ބަލި ފެންނަ ކޮންމެ ރަށަކީ މާސްކު އަޅަން މަޖުބޫރު ރަށެއް ކަމުގައި އެޗްޕީއޭއިން ކަނޑައަޅާފައިވާތީ އެ ރަށުގައިވެސް ދިރިއުޅޭ އެންމެހައި ފަރާތްތަކުން ގެއިން ބޭރުގައި ހޭދަކުރައްވާ ވަގުތުތަކުގައި (ހާއްސަކޮށް އެހެން މީހުން ތިބޭ ތަންތަނާއި އޮފީސް، ފިހާރަފަދަ ތަންތަނުގައި) އަބަދުވެސް މާސްކު އެޅުމަށް ގަމު ކައުންސިލުން އަންގާފައިވެއެވެ.
އަދި ހާލަތު ނިމެންދެން ރަށުގައި އެއްވެސް ހަފުލާއެއް ނުބޭއްވުމަށާއި، އިޖްތިމާއީ ގައިދުރުކަމަށް އިސްކަން ދިނުމަށާއި ރޯގާގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ އަވަހަށް ޑަކުޓަރަށް ދެއްކުމަށާއި އެފަދަ މީހުން ގެއިން ނުނިކުތުމަށް އަންގާފައިވެއެވެ.
މީގެ އިތުރުން ރަށަށް އަރާފޭބުން މަނާކުރެވިފައި ނުވާތީ ރަށުގެ ރައްޔިތުން ޓްރޭސް އެކީ އެޕް އެޅުއްވުމަށާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުންވެސް މި ކަންކަމަށް އަމަލުކުރުމަށްވެސް އެ ކައުންސިލުން އަންގާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް