ޓެކުން ވިޔަފާރިވެރިންނަށް: ވިޔަފާރިތައް ހިނގާނީ ކޯވިޑް ކޮންޓްރޯލްވެގެން!

ކޯވިޑް-19 ކޮންޓްރޯލް ކުރެވިގެން ނޫނީ ރާއްޖޭގެ އިގްތިސޯދާއި ވިޔަފާރިތައް ހިނގައި ނުގަންނާނެ ކަމަށް ކޯވިޑާއި ގުޅިގެންް ލަފާދިނުމަށް އެކުލަވާލާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީ (ޓެކް) ގެ ވެރިޔާ ޑރ. އ...

24 Aug 2020 | 05:27

ކޯވިޑް-19 ކޮންޓްރޯލް ކުރެވިގެން ނޫނީ ރާއްޖޭގެ އިގްތިސޯދާއި ވިޔަފާރިތައް ހިނގައި ނުގަންނާނެ ކަމަށް ކޯވިޑާއި ގުޅިގެންް ލަފާދިނުމަށް އެކުލަވާލާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީ (ޓެކް) ގެ ވެރިޔާ ޑރ. އަލީ ލަތީފު ވިދާޅުވެއްޖެ އެވެ.

ކޯވިޑް-19 އާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް ލުއި ދިނުމުން ކޯވިޑް ފެތުރުން އިތުރުވުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ ރޭގަނޑު ފިހާރަތަކާއި ކެފޭ/ ރެސްޓޯރެންޓުތައް ބަންދު ކުރަން ޖެހޭ ގަޑި 9:30 އަށް ބަދަލުކޮށްފައި އެވެ. އަދި ރޭގަނޑު 8:00 އިން ފެށިގެން އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމުން ޑެލިވަރީގެ ހިދުމަތް ދިނުމަށް އުނދަގޫވުމުން އިއްޔެ ރެސްޓޯރެންޓުވަނީ ދަރުބާރުގޭ ކައިރީގައި މުޒާހަރާ ކޮށްފައި އެވެ.

ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. އަލީ ލަތީފު ވިދާޅުވީ ކޯވިޑާއި ގުޅިގެން އަޅާ ކޮންމެ ފިޔަވަޅެއް އަޅަނީ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށް ކަމަށެވެ. ބައްޔަކީ ގޮތް ނޭނގޭ އަދި މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ބައްޔަކަށްވާތީ ރާއްޖެ ފަދަ ގައުމެއްގައި ބަލި ކޮންޓްރޯލުން ނައްޓައިގެން ދިއުމަކީ ސިއްހީ ނިޒާމު ފެއިލްވެ ގިނަ ބައެއްގެ ފުރާނަ ގެއްލިގެންދާނެ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ކޯވިޑް ފަދަ ބައްޔެއް ފެތުރެމުން ދަނިކޮށް ރާއްޖޭގެ ޓޫރިޒަމް އަދި ވިޔަފާރިއާއި އިގްތިސޯދީ އެހެން މަސައްކަތްތައް އާންމުކޮށް ކުރިޔަށ ގެންދިއުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ކޯވިޑް ކޮންޓްރޯލް ކުރެވިގެން ނޫނީ އާންމު ވިޔަފާރިތައް ހިނގައި ނުގަންނާނެ ކަމަށެވެ.

އިތުރަށް ވިދާޅުވީ ބައެއް ގައުމުތަކުން ކޯވިޑް ކޮންޓްރޯލް ކުރެވިފައިވާތީ ސޭފް ޓޫރިޒަމް ގައުމުތަކުގެ ގޮތުގައި ކަނޑައެޅިގެން ދިޔަޔަސް ރާއްޖެއަށް އެ ނަން ނުލިބެނީ އެއް ދުވަހުން އަނެއް ދުވަހަށް ބައްޔަށް ޕޮސިޓިވްވާ މީހުންގެ އަދަދު އިތުރުވާތީ ކަމަށެވެ.

ޑރ. އަލީ ލަތީފު ވިދާޅުވީ ކޯވިޑާއި ގުޅިގެން ބައެއް ކަންކަމަށް ބަލައި ރާއްޖޭގެ ހާލަތު ގޯސްވާނަމަ ލުއި ދީފައި ހުރި ފިޔަވަޅުތައް ވަރުގަދަ ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލޫ ކްލިނިކްތަކަށް ދައްކާ މީހުންގެ އަދަދު އިތުރުވުމާއިި، ހޮސްޕިޓަލްތަކުގައި ކޯވިޑަށް ފަރުވާ ދިނުމަށް އެޑްމިޓް ކުރާ މީހުންގެ އަދަދު އިތުރުވުމާއި، ޕޮސިޓިވްވާ މީހުންގެ އަދަދުގެ އިތުރުން ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވާނަމަ ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަމަށެވެ.

މިހާރު އާ އާންމު ހާލަތުގައި ލުއި ދީފައިވާ ކަންކަމަށް ބަދަލު ގެނެސް ހަރުކަށި ކޮށްފައިވަނީ މިކަންކަމަށް ބަލައިގެން ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް