އަތޮޅު ތެރޭގެ ހަ ރަށަކުން އިތުރު 10 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެެއްޖެ އެވެ.
އެޗްއީއޯސީން މިއަދު ބުނީ އިއްޔެ އާއި މިއަދު އަތޮޅު ތެރެއިން ޕޮސިޓިވްވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ކުޑަކުދިންނާއި ޒުވާނުންނާއި މެދު އުމުރުގެ މީހުން ކަމަށެވެ. މި އެންމެން ޕޮސިޓިވްކަން އެނގިފައިވަނީ ހޯމް ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު ޓެސްޓު ކުރުމުންނެވެ.
ޕޮސިޓިވްވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ރ. ދުވާފަރު 55 އަހަރުގެ އަންހެނަކާއި ތިން އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ. ކިނޮޅަހުން ޕޮސިޓިވްވެފައިވަނީ 53 އަހަރުގެ ފިލިޕިންސް ފިރިހެނެކެވެ.
ކ. ހިންމަފުށިން 32 އަހަރާއި 33 އަހަރުގެ ދެ ފިރިހެނުން ޕޮސިޓިވްވެފައިވާއިރު އެ ދެމީހުންނަކީ ރިހެބިލިޓޭޝަން ސެންޓަރަށް ފަރުވާއަށް ގެންދިޔަ ދެމީހުންނެވެ. ތ. އޮމަދޫއިން ޕޮސިޓިވްވެފައިވަނީ ދެ އަހަރާއި 11 އަހަރުގެ ދެ ފިރިހެން ކުއްޖަކާއި ހަތަރު އަހަރުގެ އަންހެން ކުއްޖެކެވެ.
މީގެ އިތުރުން ލ. ގަމުން އަށް އަހަރުގެ ފިރިހެން ކުއްޖަކު ޕޮސިޓިވްވެފައިވާއިރު އައްޑޫ ސިޓީ ހިތަދޫއިން 24 އަހަރުގެ އަންހެނަކު ޕޮސިޓިވްވެފައިވެ އެވެ.
މީގެ ތެރެއިން ބައެއް ރަށްރަށަކީ މިހާރުވެސް ކޯވިޑް-19 އަށް ޕޮސިޓިވް މީހުން ތިބި ރަށްރަށެވެ. އޭގެ ތެރޭގައި ހިންމަފުއްޓާއި އޮމަދޫ އަދި އައްޑޫ ސިޓީ ހިތަދޫ ހިމެނެ އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 6،779 މީހުން ޕޮސިޓިވްވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް