އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުންތަކަކީ ބަދަލުދޭ ޒާތުގެ ގެއްލުންތަކެއް ނޫން، ހައިކޯޓުގައި ވާނީ އިސްތިއުނާފު ކޮށްފައި: އެލައިޑް

ޔޮޓް ޓުއާސް ކުންފުންޏަށް 22 މިލިއަން ޑޮލަރު ދޭން އެލައިޑް އިންޝުއަރަންސްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ރަނގަޅު ނޫން ކަމުގައި އެލައިޑް އިންޝުއަރެންސް ކުންފުންޏަށް ޤަބޫލު ކުރެވޭތީ އެ މައްސަލަ އެ ...

24 Aug 2020 | 02:49

ޔޮޓް ޓުއާސް ކުންފުންޏަށް 22 މިލިއަން ޑޮލަރު ދޭން އެލައިޑް އިންޝުއަރަންސްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ރަނގަޅު ނޫން ކަމުގައި އެލައިޑް އިންޝުއަރެންސް ކުންފުންޏަށް ޤަބޫލު ކުރެވޭތީ އެ މައްސަލަ އެ ކުންފުނިން ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

އެގޮތުން އެލައިޑުން ބުނެފައިވަނީ ޔޮޓް ޓުއާސް މޯލްޑިވްސްއިން ހިންގަމުންދާ ހއ.އަލިދޫ ރިސޯޓަށް ލިބުނު ކަމަށް އެކުންފުނިން ބުނާ ގެއްލުންތަކަކީ އެކުންފުނިން އެލައިޑް އިންޝުއަރަންސް ކުންފުނިން ނަގާފައިވާ އިންޝުއަރަންސް ޕޮލިސީއިން ބަދަލު ލިބޭ ޒާތުގެ ގެއްލުންތަކެއް ނޫންކަން މިކުންފުނިން ބެލިބެލުމުން އެނގުނު ކަމަށާއި އަދި އެ ގެއްލުންތަކަކީ އިމާރާތް ކުރުމުގެ ފެންވަރު ދަށް ވުމުންނާއި، ރަނގަޅަށް މެއިންޓެއިން ނުކުރުމުގެ ސަބަބުންނާއި ތަބީއީ ގޮތުން ލިބިފައިވާ އެކިއެކި ގެއްލުންތަކެއް ކަމަށެވެ.

މިމައްސަލައަކީ ޝަރީއަތުގެ މަރުހަލާގައި އޮތް މައްސަލައެއް ކަމުން މިމައްސަލައަށް އަސަރުކޮށްފާނެ އެއްވެސް ކަމަކުން ބަރީއަވެ ތިބުމަށް އެލައިޑުން އެދޭ ކަމަށާއި އަދި ކުންފުނި އަބަދުވެސް ދެމި އޮންނާނީ ކުންފުނީގެ ޕޮލިސީ ހޯލްޑަރުންނަށް އެފަރާތްތަކާއި ދެމެދު ކުންފުނިން އެއްބަސްވެފައިވާ ފަދައިން ގެއްލުންތަކަށް ރައްކާތެރިކަން ފޯރުކޮށްދީ ފަރުދުންނަށާއި، ވިޔަފާރިތަކަށާއި މުޖްތަމަޢުއަށް އާރޯކަން ގެނެސް ދިނުމުގައި ކަމަށާއި އަދި އެ ކުންފުންޏާއިމެދު އާންމުންގެ މެދުގައި އޮތް އިތުބާރު ކިލަނބުކޮށްލަން ބައެއް ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތް ކުށްވެރި ކުރާކަމަށްވެސް އެލައިޑް އިންޝުއަރަންސް ކުންފުނިން ބުނެފައިވެއެވެ.

އެލައިޑުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު ޔޮޓް ޓުއާސް އަށް 22 މިލިއަން ޑޮލަރު ދިނުމަށް ސިވިލް ކޯޓުން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ކުރި ހުކުމް ތަންފީޒުކޮށްދޭން އެ ކޯޓުގައި ޔޮޓް ޓުއާސް އިން ވަނީ އެދިފައެވެ.

ޔޮޓް ޓުއާޒްއަކީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ކުންފުންޏެކެވެ. އެ ކުންފުންޏަށް އެލައިޑުން ފައިސާ ދައްކަން ޖެހޭ ކަމަށް ހުކުމް ކުރީ ޔޮޓް ޓުއާސް އިން ހިންގި އަލިދޫ ރިސޯޓަށް 2014 ވަނަ އަހަރު ލިބުނު ގެއްލުންތަކާ ގުޅިގެން އިންޝުއަރެންސްގެ ގޮތުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް