އެސްޓީއޯ ސިންގަޕޫރު ކުންފުނި މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ "ތެލުގެ ވަގު ވިޔަފާރި" ކުރި ކަމަށް ބުނާ މައްސަލައިގެ 66 ފޮށި ޑޮކިއުމަންޓްސް، އޭޓާނީ ޖެނަރަލް (އޭޖީ) އޮފީހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅުމުން ވެސް މައްސަލަ ބެލެން ނެތް ކަމަށް ބުނެ ފައިލް ކުރުމުން ސުވާލު އުފެދުނު ކަމަށް އެ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.
އެސްޓީއޯ މެދުވެރިކޮށް ހިންގާފައިވާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލައިގައި އިނގިރޭސިވިލާތުގެ ގްރާންޓް ތޯޓަންއާ ހަވާލުކޮށްގެން އެކުލަވާލި ރިޕޯޓުގެ ލިޔުންތަކުގެ ތެރެއިން 66 ފޮށީގެ ލިޔުން އޭޖީ އޮފީހުން އޭސީސީއާ ވަނީ ހަވާލުކޮށްފައެވެ. އަދި އޭސީސީންވަނީ އެމައްސަލަ އަލުން ދިރާސާކޮށް ބަލަން ފަށާފައެވެ. ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ، މިހާ ގިނަ އަދަދެއްގެ ލިޔުން ލިބިފައިވާ މައްސަލައެއްގައި ލިޔެކިޔުން ނެތްކަމަށް ބުނެ މައްސަލަ ފައިލް ކުރުމަކީ ސުވާލު އުފެދޭކަމެއްކަމަށެވެ.
އެ ޑޮކިއުމެންޓްތައް އޭސީސީން މިހާރު ރިވިއު ކުރަމުން އައި ނަމަވެސް މައްސަލަ އަލުން ހުޅުވައިގެން ބެލުމާ މެދު އަދި ގޮތެއް ނިންމާފައިނުވާކަމަށް ޝިއުނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، ޑޮކިއުމެންޓްތައް ރިވިއު ކުރުމަށްފަހު ފަހު މައްސަލަ އަލުން ބެލުމާއި މެދު ފަހުގެ ތާރީހެއްގައި އޭސީސީން ގޮތެއް ނިންމާނެ ކަމަށެވެ.
ރައްޔިތުން އެކްސްޕެކްޓޭޝަން ހުރީ ވަރަށް މަތީގައި ކަން އިނގިލައްވާކަން ފާހަގަކޮށް ޝިއުނާ ވިދާޅުވީ، އެހިސާބަށް ވާސިލްވުމަށް އެކަށީގެންވާ ބަޖެޓެއް ނެތުމާއި އިންސާނީ ވަސީލަތްތައް މަދުކަމަކީ ދިމާވި ގޮންޖެހުމެއް ކަމަށެވެ.
މި މައްސަލަ އޭސީސީއަށް ހުށައަޅާފައިވަނީ 2011 ވަނަ އަހަރުގައި މޭމަހުގެ 11 ވަނދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް