ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ފުލުހުންގެ ތެރެއިން ބަޔަކު ފާރަލާކަމުގެ ތުހުމަތުތައް، ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު އެކަން ދޮގު ކުރައްވައިފިއެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ މަޖިލީހުގެ އެއްވެސް މެންބަރަކަށް ފާރަލުމަށް ފުލުހުން މަސައްކަތެއް ނުކުރައްވާ ކަމަށާއި އެކަން އޭނާ އަށް އެނގިވަޑައިގެންފައި ވެސް ނުވާ ކަމަށެވެ.
ސީޕީ ހަމީދު މިހެން ވިދާޅުވެފައިވަނީ މި މަހުގެ ފުރަތަމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ.
"ފުލުހުންނެއް އަޅުގަނޑަށް އެނގިގެނެއް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކަށް ފާރަލުމުގެ ހަރަކާތެއް ހިންގާފައެއް ނުވޭ،" ސީޕީ ހަމީދު ވިދާޅުވިއެވެ.
މި ޖަލްސާގައި ނަޝީދު ވިދާޅުވީ، ފުލުހުންގެ ތެރެއިން ބައެއް އޮފިސަރުން، މަޖިލީހުގެ ބައެއް މެމްބަރުން ކުރައްވަމުން ގެންދަވާ ބައެއް ކަންކަން ރެއިޑް ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
ރަައީސް ނަޝީދު ވަނީ ފުލުސް އޮފީހުގެ އާއްމު އުސޫލުތަކާއި ހަމަތަކާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ޗެކުކޮށް، މެމްބަރުންގެ ގެކޮޅު ފާސްކުރުމުގެ ވިސްނުން ނުގެންގުޅުމަށް ފުލުހުންނަށް އިލްތިމާސްކުރައްވާފައެވެ.
ރައީސް ނަޝީދުގެ މިވާހަކަތަކާ ގުޅިގެންް ސީޕީ ހަމީދު ވިދާޅުވީ، އެމަނިކުފާނުން ފޯނުން ގުޅުއްވާ ވާހަކަ ދެއްކެވި ކަމަށާއި، ފުލުހުންގެ ތެރެއިން އެއްވެސް ބަޔަކު މަޖިލީހުގެ މެންބަރަކަށް ފާރަލަމުން ނުދާ ކަމަށާއި، އެފަދަ ކަމެއް ނުހިނގާކަމަށް ދަންނަވާފައިވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް