ބ. ބޮޑުފިނޮޅުން ގައި ތިބި ބިދޭސީ މަސައްކަތްތެރިން ރަށުން ބޭލުމުގެ މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އެ ފަރާތްތަކުގެ ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރާ ޕަބްލިކް އިންޓަރެސް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ބުނެފި އެވެ.
ޕީއައިއެލްސީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ރޫރީ ބޭނުންތަކެއްގައި ބޮޑުފިނޮޅުން ފޭބި ހަތަރު ބިދޭސީއަކު އެ ރަށަށް އަނބުރާ އެރުމުގެ ހުއްދަ ފުލުހުންނާއި ސީލް މޯލްޑިވްސް އިން ނުދިން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ބާކީ ތިބި ބިދޭސީން މިއަދު ރަށުން ބޭލުވުމުގެ މަސައްކަތް ސީލް މޯލްޑިވްސް އިން ކުރަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ޕީއައިއެލްސީން ވަނީ ބުނެފައެވެ.
ބޮޑުފިނޮޅުގައި މަސައްކަތް ކުރާ 200 އެއްހާ ބިދޭސީންނަށް އެތައް މަހެއް ވަންދެން މުސާރަ ނުދީ ގެންގުޅުނު މައްސަލައިގައި އެމީހުން ވަނީ އެ ރަށުގައި މުޒާހަރާކޮށް މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެ ރަށުގައި ތިބި ބިދޭސީ މަސައްކަތްތެރިން ރަށުން ބޭލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ޖަމިއްޔާއިން ތުހުމަތު ކުރާއިރު، ބޮޑުފިނޮޅުގެ ކޮންޓްރެކްޓަރު ކަމަށްވާ އާރުއައިއެކްސް ޕްރައިވެޓް ލިމިޓެޑާއި އެ ކުންފުނީގެ ދެ ޑިރެކްޓަރުންގެ މައްޗަށް ރައްދުވާ ގޮތަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ދާދި ފަހުން ވަނީ މައްސަލައެއް ވެސް ހުށަހަޅައިފައެވެ.
ބޮޑުފިނޮޅުގައި މަސައްކަތްކުރަމުން ދިޔަ ބިދޭސީންނަށް މަޖުބޫރުކޮށް، އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި، މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް، އާރުއައިއެކްސް ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކައި މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށް އެ ފަރާތުން އަންގާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
ބޮޑުފިނޮޅުގައި ތިބި 179 ބިދޭސީންނަށް މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން މުސާރަ ދިނުމަށް ލޭބާ ރިލޭޝަން އޮތޯރިޓީން ވަނީ ރިޒް ކުންފުންޏަށް އަންގައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް