އެމްޑީޕީއަށް ލިބޭ ބަޖެޓުގެ 50 އިންސައްތަ، ދާއިރާތަކަށް ބަހަނީ

ދައުލަތުގެ ބަޖެޓުން އެމްޑީޕީއަށް ދޫކުރާ ފައިސާގެ 50 އިންސައްތަ، ދާއިރާތަކަށް ބެހުމަށް ނިންމައިފިއެވެ. ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ އެމްޑީޕީއަށް ދައުލަތުން ދ...

24 Jul 2020 | 09:35

ދައުލަތުގެ ބަޖެޓުން އެމްޑީޕީއަށް ދޫކުރާ ފައިސާގެ 50 އިންސައްތަ، ދާއިރާތަކަށް ބެހުމަށް ނިންމައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ އެމްޑީޕީއަށް ދައުލަތުން ދޭ ފައިސާގެ މިންވަރެއް ދާއިރާތަކަށް ދިނުމާއި ގުޅޭގޮތުން އައްޑޫ ސިޓީ ދާއިރާގެ ރައީސް އަހުމަދު އަދުހަމް ހުށައަޅާފައިވާ ގަރާރު ދިރާސާކޮށް، ގައުމީ މަޖިލީހުގެ ފަސް މެމްބަރުންގެ ކޮމިޓީއާއި ޕާޓީގެ މާލިއްޔަތާއި ޗަންދާ ކޮމިޓީން ގުޅިގެން އެކުލަވާލި ރިޕޯޓު ހުށައަޅާފައެވެ.

ޤައުމީ މަޖިލީހުން އެކުލަވާލި ކޮމިޓީން ދިރާސާކުރި ރިޕޯޓްގައި އަތޮޅުތެރެއަށާއި، މާލޭގެ މައި އޮފީހުގެ ޚަރަދުތައް ބެލެހެއްޓުމަށްވަނީ ހަމަހަމަ އުސޫލަކުން ޚަރަދުކުރާނެ ގޮތަކަށް ކަނޑައަޅާފައެވެ. އެގޮތުން މައި އޮފީސް ހިންގުމަށް 50 އިންސައްތަ އަދި އަތޮޅުތެރޭގެ ދާއިރާތައް ހިންގުމަށް 50 އިންސައްތަ ޚަރަދުކުރުމަށް ވަނީ ފާސްކޮށްފައެވެ.

ފައިސާ ދިނުމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ދާއިރާއަށް ލިބޭ 50 އިންސައްތަ އެ ދާއިރާތަކުގެ ރަށްތަކަށް ބެހުމުގައި އަމަލުކުރާނެ އުސޫލެއްވެސްވަނީ ކަނޑައަޅާފައެވެ. އަދި ދައުލަތުގެ ބަޖެޓުން ޕާޓީއަށް ލިބޭ ފައިސާ ދާއިރާގެ ރަށްތަކަށް ދޫކުރުމުގައި ޕާޓީގެ ކޮންމެ ދާއިރާގައި ބެންކް އޮފް މޯލްޑިވްސްގައި، އެކައުންޓެއް ހުޅުވައި އެކައުންޓަށް ޖަމާ ކުރާގޮތަށް ހުށަހެޅުނު އިސްލާހުވެސް ވަނީ ޤައުމީ މަޖިލީހުން ފާސްކޮށްފައެވެ. ފޭދޫ ދާއިރާގެ ރައީސް މުހައްމަދު ނިހާދު ހުށަހެޅުއްވި އިސްލާހު ފާސްވެފައިވަނީ 39 މެމްބަރުންގެ ވޯޓުންނެވެ.

ކޮމެޓީން ވަނީ ދައުލަތުގެ ބަޖެޓުން ޕާޓީއަށް ލިބޭ ފައިސާ ދާއިރާތަކަށް ދޫކުރުމުގައި މިހާރު އެކައުންޓު ހުޅުވާފައިހުރި ދާއިރާތަކަށް ލިބޭ ފައިސާ އެ އެކައުންޓުތަކަށް ޖަމާކޮށް އަދި އެކައުންޓު ހުޅުވިފައިނުވާ ދާއިރާތަކުގެ ފައިސާ އެ ފަރާތްތަކަށް ކަނޑައެޅިފައިވާ މިންވަރު ހާމަކޮށް، ދާއިރާތަކަށް އަންގާ، ޕާޓީގެ ބެލުމުގެ ދަށުގައި އެކައުންޓު ހުޅުވެންދެން ބެހެއްޓުމަށް ނިންމާފައެވެ.

އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގުމަށާއި، ޕާޓީގެ ކަންކަން މާލެއާއި އަތޮޅުތަކުގައިވެސް ހިންގުމަށް ބޭނުންވާ ފައިސާ ކަނޑައެޅުމަށް އެކުލަވާލި ރިޕޯޓަށް ހުށަހެޅި 4 އިސްލާހުގެ ތެރެއިން ފާސްވެފައިވަނީ 2 އިސްލާހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް