މިހާރު ކުރަމުންމިދާ ވިއްސާރައިގާ ކުޅުދުއްފުށި ސިޓީގައި ފެންބޮޑުވެއްޖެ

ރާއްޖެއަށް މިހާރު ކުރަމުންމިދާ ވިއްސާރައިގާ ކުޅުދުއްފުށި ސިޓީގައި ފެންބޮޑުވެއްޖެއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން އެ ސިޓީގެ ކައުންސިލް ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ ހެނދުނުއްސުރެ ކުރި ވިއްސާ...

24 Jul 2020 | 06:48

ރާއްޖެއަށް މިހާރު ކުރަމުންމިދާ ވިއްސާރައިގާ ކުޅުދުއްފުށި ސިޓީގައި ފެންބޮޑުވެއްޖެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން އެ ސިޓީގެ ކައުންސިލް ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ ހެނދުނުއްސުރެ ކުރި ވިއްސާރައިގާ ރަށުގައި ފެންބޮޑުވެ ގެތަކަށް ފެން ވަންނަކަމުގެ ރިޕޯޓްވެސް ލިބިފައިވާތީ ސިފައިންނާއި، ފުލުހުންނާއި ރެޑްކްރޮސެންޓާއި ކައުންސިލް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ވާރޭ ވެހިއްޖެއްޔާ ރަށުގައި ވަރަށް ފަސޭހައިން ފެންބޮޑުވާނެ، މިހާރު ކުރަމުން އަންނަނީ ފެން ވަންނަ ގޭގޭގެ ދޮރާށީގައި ވެލި ބަސްތާ ޖައްސައިދިނުމާ ޕަމްޕު ޖައްސައިގެން ރަށުތެރޭން ފެން ހިންދުމުގެ މަސައްކަތް" އަބްދުއްލަތީފް ހަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފެންބޮޑުވުމާއި ގުޅިގެން ލިބޭ ގެއްލުން، އަދި އެހީތެރިކަން ބޭނުން ނަމަ ކައުންސިލްގެ ހޮޓްލައިން 6527178 އަށް ގުޅުއްވުމުން އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ރާއްޖޭގެ އުތުރަށް ކުރަމުންދާ ވިއްސާރައިގާ ހދ. ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭވެހި އެ ރަށުގެ ބައެއް މަގުތަކުގައި ފެންބޮޑުވެ އަދި ބައެއް ގެތަކަށް ފެން ވަނުމާއި ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ފެން ހިއްކުމާއި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހަތަރު ގެއަކަށް ފެން ވަދެފައިވާކަމުގެ ރިޕޯޓް މިހާތަނަށް ލިބިފައިވާކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް